މިދިޔަ ހުކުރު ދުވަހު އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމާއި، އެއަށް ފަހު އެރި ގެއްލުން ބޮޑު ސުނާމީ އަށް ފަހު މިއަދު ވެސް އިތުރު ބާރުގަދަ ބިންހެލުންތަކެއް އަތުވެއްޖެއެވެ. އެމެރިކާ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި އިންޑޮނޭޝިއާގެ ނަގޮންގީ ސާޓް ސަރަހައްދަށް އެކަނި ވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނުވަ ބިންހެލުން ވަނީ އައިސްފައެވެ.

މިބިންހެލުންތަކުގެ ތެރެއިން އެންމެ ބާރުގަދަ ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 6.0 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. އޭގެ އިތުރުން 5.9 މެގްނެޓިއުޑްގެ ބިންހެލުމަކާއި 5.6 މެގްނެޓިއުޑްގެ ދެބިންހެލުން ވަނީ އެސަރަހައްދަށް އައިސްފައެވެ. ދެން އައިސްފައި ވަނީ ނިސްބަތުން ބާރު ދެރަ ބިންހެލުންތަކެވެ.

މިބިންހެލުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ހުކުރު ދުވަހު އައި ބިންހެލުމާއި ގުޅިގެން އަންނަ އާފްޓާ ޝޮކްތަކެކެވެ. ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދުތަކަށް މިފަދަ ލޮޅުންތައް އާންމުކޮށް އާދެއެވެ. މިލޮޅުންތައް މަސް ދުވަހަށް ދިގު ދެމިގެން ދިއުން ވެސް އެކަށީގެންވެއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ހުކުރު ދުވަހު އިންޑޮނޭޝިއާ އަށް އައި ބިންހެލުމާއި، އޭގެ ފަހުން އެރި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1347 އަކަށް އަރާފައެވެ. އަދިވެސް އެތައް އިމާރާތެއްގެ ދަށުގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައި ތިބޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުވާނެ ކަމަށް ބެލެވެއެވެ.

ބިންހެލުމާއި ސުނާމީގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ. އެއިން އިމާރާތެއްގެ ދަށުން މިހާރު ދިރިހުއްޓާ މީހަކު ސަލާމަތް ކުރެވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.