އިންޑޮނޭޝިއާ އަށް މިދިޔަ ހުކުރު ދުވަހު އައި ބިންހެލުމާއި، އޭގެ ފަހުން އެރި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1334 ފަހަނައަޅައި ގޮސްފައެވެ. 7.5 މެގްނެޓިއުޑްގައި އައި ބާރުގަދަ ބިންހެލުމާއި، އެބިންހެލުމުގެ ސަބަބުން އެރި ސުނާމީގެ ސަބަބުން އެތައް ބަޔަކު މަރުވެފައި ވާއިރު އެނުރައްކާތެރި ކާރިސާ އިން ސަލާމަތްވި މީހުން ގެންދަނީ އެމީހުންގެ ވާހަކަތައް މީޑިއާ އާއި ހިއްސާ ކުރަމުންނެވެ.

ސަލާމަތްވި މީހުންގެ ތެރެއިން އެކަކު ކަމަށްވާ އެޑީ ސެޓިއަވާން ވަނީ އޭނާގެ ވާހަކަތައް މީޑިއާ އާއި ހިއްސާކޮށްފައެވެ.

އެޑީ ބުނި ގޮތުގައި އޭނާގެ ބައްޕަ އާއި ކޮއްކޮ މަރުވެފައި ވަނީ ސުނާމީގެ ސަބަބުން ގެއަށް ވަން ކިސަޑުތަކުގެ ދަށު ވެގެންނެވެ. ޕެޓޯބޯ އަވަށުގައި ހުންނަ އެޑީގެ އާއިލާ ދިރިއުޅުނު ގޭގެ ތެރެއިން ބައްޕަ އާއި ކޮއްކޮގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ.

"ބައްޕަ އާއި ކޮއްކޮގެ ހަށިގަނޑު ފެނުނު އިރު ދެބަފައިން ތިބީ އެކަކު އަނެކަކުގައި ބައްދާލައިގެން. ބައްޕަ އާއި ކޮއްކޮ މަރުވެފައި ވަނީ އެކަކު ދޫކޮށްލާފައި އަނެކަކު ނުގޮސް ސަލާމަތް ވުމަށް އެންމެ ފަހު ވަގުތު ވެސް މަސައްކަތް ކުރަމުން ދަނިކޮށް." އެޑީ ބުންޏެވެ.

އެޑީގެ މަންމަ ވަނީ މިކާރިސާ އިން ސަލާމަތް ވެފައެވެ. ކިސަޑުތަކުގެ ތެރެއިން މަންމަ ނަގާ މަންމަ ސަލާމަތް ކުރީ އަވައްޓެރިންނެވެ. ނަމަވެސް އޭރު އަވައްޓެރިންނަށް ވެސް އެޑީގެ ގެއަށް ވަދެވޭ ވަރަށް ވުރެ އެސަރަހައްދުގެ ހާލަތު އޮތީ ގޯސް ކޮށެވެ.

ސުނާމީ އެރި ވަގުތު އެޑީ އާއި އޭނާގެ އެކުވެރިން ވެސް މަސައްކަތް ކުރީ އަވައްޓެރިންގެ ފުރާނަ ސަލާމަތް ކުރާށެވެ. އެމީހުން ވަނީ ކުޑަކުދިންނާއި، މުސްކުޅިންނާއި އަދި މާބަނޑު އަންހެނެއްގެ ފުރާނަ ވެސް ސަލާމަތް ކޮށްފައެވެ. އެވަގުތު އެޑީ އަށް ވެސް އޭނާގެ އާއިލާގެ ހާލަތު ބަލަން ދެވޭ ވަރަށް ވުރެ ސުނާމީގެ ނުރައްކާތެރިކަން އޮތީ ބޮޑުވެފައެވެ.

ހުކުރު ދުވަހު އެރި ސުނާމީގެ ސަބަބުން ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ބައިނަލްއަޤުވާމީ އެހީ ފޯރުކޮށްދިނުމަށް އިންޑޮނޭޝިއާ އިން މިހާރު ވަނީ އެދިފައެވެ.