އިންޑޮނޭޝިއާގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ސުމްބާއަށް ދާދި ދެންމެއަކު ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ، މެގްނިޓިއުޑް މިންގަނޑުން 5.0 ގެ ބާރުމިނުގައި، ބިމުގެ 30 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމުގެ އިތުރުން މިއަދު މެންދުރުގެ ވަގުތެއްގައި، ދާދި ފަހުން އެޤައުމަށް ބާރުގަދަ ބިންހެލުންތަކެއް އައި ސުލަވޭސީއަށްވެސް މެގްނިޓިއުޑް މިންގަނޑުން 4.8 ގެ ބިންހެލުމަކާއި އިތުރު ލޮޅުންތަކެއް އައިސްފައި ވެއެވެ. މި ބިންހެލުންތަކާއި ގުޅިގެން އަދި ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

މިއަދު ބިންހެލުން އައި ސުމްބާއަކީ އައްލައްކަ އާއި ގާތްކުރާ ޢަދަދަކަށް މީހުން ދިރިއުޅޭ ރަށެކެވެ. މިއަދުގެ ބިންހެލުމުގައި އެރަށަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާއިރު، ބިންހެލުމުގެ ލޮޅުންތައް ގިނަ ބަޔަކަށް އިހުސާސް ކުރެވުނު ކަމަށް ނޫސްތަކުން ބުނެއެވެ. މި ސަރަޙައްދަށް އިއްޔެގެ ވަގުތެއްގައި ވެސް، މެގްނިޓިއުޑް މިންގަނޑުން 6.0 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ.

އިންޑޮނޭޝިއާގެ ސުލަވޭސީއަށް މިދިޔަ ހުކުރު ދުވަހު މެގްނިޓިއުޑް މިންގަނޑުން 7.5 ގެ ބާރުމިނުގައި ގެއްލުން ބޮޑު ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުމަށްފަހު އުފެދުނު ބޮޑު ސުނާމީއެއްގައި އެތައް ސަތޭކަ ގެޔެއް ބިމާއި ހަމަވެ، 1300 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑޮނޭޝިއާއަށް ދަނީ އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުންތައް އަންނަމުންނެވެ. މި ބިންހެލުންތަކުގައި އެޤައުމުގެ އެކި ސަރަޙައްދުތަކަށަށް އަރައިނުގަނެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.