ސިނގިރޭޓް ދުންފަތް ދުންފަތުގެ އިސްތިއުމާލު

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިއަދު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާކަމުގައި ބުނެވެއެވެ. އެންމެ ގިނަބަޔަކު މިދުނިޔެ ދޫކޮށް ދަނީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ކަމުގައި ވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގައި އެކަނިވެސް އަހަރަކު 3000 މީހުން ޔޫއޭއީން މަރުވާ ކަމަށް ބައިނަލްއަގުވާމީ ރިޕޯޓަކުން ވަނީ ދައްކައިފައެވެ.

2016 ވަނަ އަހަރު އެކަނިވެސް ދުންފަތުން ޖެހޭ ބަލިތަކުގައި 2900 މީހުން އެގައުމުން މަރުވެފައިވާއިރު މީގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.  2015 ވަނަ އަހަރު 2728 ފިރިހެނަކު މަރުވިއިރު 265 އަންހެނަކު ވަނީ މަރުވެފައެވެ.

ދަ ޓޮބާކޯ އެޓްލަސް އިން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި ޔޫއޭއީގައި ދުވާހެއްގެ މައްޗަށް 900000 މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.

ދުންފަތާއި މީހުން ދުރުކުރުވުމަަށް ތަފާތު ގިނަ ފިޔަވަޅުތަކެއް އެގައުމުން ދަނީ އަޅަމުންނެވެ. އެގޮތުން މިދިޔަ އަހަރު ދުންފަތުން 100 އިންސައްތަ އާއި ހަމައަށް ޓެކްސް ނެގުމަށް އެގައުމުން ވަނީ ނިންމާފައެވެ.

ސިނގިރޭޓްގެ ދުމުގައި ހިމެނޭ އެކިއެކި ކެމިކަލްތަކުގެ ސަބަބުން ތަފާތު 43 ވައްތަރެއްގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދާ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ސިނގިރޭޓްގައި އެކުލެވޭ ނިކޮޓިން އަކީ ކެންސަރު ޖެހުމަށް މެދުވެރިވާ މާއްދާއެއް ކަމުގައި ނުވިނަމަވެސް އެއީ ސިގިރޭޓް އަދި ދުންފަތް އެކުލެވޭ ބާވަތްތަކަށް މީހާ ދެވިހިފުވާ އެއްޗެކެވެ.

2016 ވަނަ އަހަރު މުޅި ދުނިޔެއިން 5.1 މިލިއަން ފިރިހެންނުން އަދި 2 މިލިއަން އަންހެނުން ވަނީ ދުންފަތުގެ އިސްތިމާލު ކުރުމުން ޖެހޭ ބަލިތަކުގައި މި ދުނިޔެ ދޫކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު