އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ކޮންގްރެސް އަށް ހުށަހަޅާފައިވާ ބްރެޓް ކެވަނޯގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވެމުން ދާއިރު އިތުރު ހުރަސްތަކެއް އަނެއްކާވެސް އޭނާ އަށް ކުރިމަތިވެއްޖެއެވެ.

ކުރެވޭ ތުހުމަތުތަކުގެ ދިފާޢުގައި ކެވަނޯ ކޮންގްރެސްގެ ކޮމެޓީއެއްގައި ވާހަކަ ދައްކާފައި ވާއިރު އޭނާ ކޮންގްރެސްގެ ކޮމެޓީގައި ގިނައިން ކަމަށް ފުރާވަރު އުމުރުގައި އޭނާ އާއި އެކު ކިޔަވަން އުޅުނު ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.

ކެވަނޯގެ މައްޗަށް ތުހުމަތު ކުރެވެނީ ހައިސްކޫލްގައި އުޅުނު ދުވަސް ވަރު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. އެތުހުމަތުތައް ކެވަނޯ ދޮގު ކުރެއެވެ. އޭނާ ބުނާ ގޮތުން ފުރާވަރު އުމުރުގައި ޒުވާންކަމުގެ ޖޯޝްގައި ވެސް އެފަދަ ކަމެއް ކޮށްފައެއް ނުވާނެއެވެ. އޭނާ އަކީ އޭރު ވެސް ވަރަށް ކިޔަމަންތެރި، ކިޔަވުމަށް ސަމާލުކަން ދިން ދަރިވަރެއް ކަމަށް ކެވަނޯ ވިދާޅުވެއެވެ.

ނަމަވެސް ކެވަނޯ އާއި އެކު ކިޔަވަން އުޅުނު ދަރިވަރުން އެކަން ދޮގު ކުރެއެވެ. "ނިއު ޔޯކް ޓައިމްސް" ބުނާ ގޮތުން ކެވަނޯ އާއި އެކު ކިޔަވަން އުޅުނު ދަރިވަރުން ބުނާ ގޮތުގައި ފުރާވަރު އުމުރުގައި ކެވަނޯ އަކީ އާދަޔާއި ހިލާފަށް ގިނައިން ބަނގުރާ ބުއި، އަދި ރުޅިގަދަ، ރުޅި އައުމުން އަތް އިސްކުރި މީހެކެވެ.

"ކެވަނޯ މަސްތުވެއްޖެ ނަމަ އެއީ ރުޅިގަދަ، ރުޅި މައިތިރި ކުރަން އުނދަގޫ މީހަކަށް ވެގެންދޭ." ކެވަނޯ އާއި އެކު ކިޔަވަން އުޅުނު ދަރިވަރަކު ބުންޏެވެ.

މިވާހަކަތަކުގެ ސަބަބުން ކެވަނޯ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޓްރަމްޕް ދެކެމުން އަންނަ އުއްމީދަށް ހުރަސް އެޅޭނެ ކަމަށް ބެލެވެއެވެ.

މިހާރު އެފްބީއައި އިން ގެންދަނީ ކެވަނޯގެ މައްޗަށް ކުރެވޭ ތުހުމަތުތައް އިތުރަށް ދިރާސާ ކުރަމުންނެވެ. ކެވަނޯ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އެފްބީއައިގެ ތަޙްޤީޤަށް ކަށަވަރު ނުވި ނަމަވެސް އޭނާ ފުރާވަރު އުމުރުގައި އުޅުނު ގޮތް ތަޙްޤީޤު ރިޕޯޓްގައި ހިމަނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކެވަނޯ ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި މެދު ކޮންގްރެސް އިން މިހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. އޭނާ އަށް ރުހުންދޭން ފެންނަ ކަމަށް ކޮންގްރެސްގެ ކޮމެޓީ އިން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު