އިންޑޮނޭޝިއާގެ ސުލަވެސީ ޕްރޮވިންސަށް މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމާއި، އޭގެ ފަހުން އެރި ސުނާމީ އަށް ފަހު އެތައް ބަޔަކު ހާލުގައި ޖެހިފައި ވާއިރު އެސަރަހައްދުގައި ހުރި އިމާރާތްތަކުން މުދަލާއި، ކާބޯތަކެތި ލޫޓުވުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް އިންޑޮނޭޝިއާ ފުލުހުން ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިއާ ފުލުހުން ވިދާޅުވީ ލޫޓް ވުމުގެ މައްސަލަތަކުގައި މިހާތަނަށް 92 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް ޑެޑީ ޕްރެސެޓޯ ވިދާޅުވީ ބިންހެލުން އައި ސަރަހައްދާއި ސުނާމީ އެރި ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އިޔުރު ފުލުހުން މިހާރު ނެރެފައިވާ ކަމަށެވެ.

ލޫޓްވުމުގެ މައްސަލަތަކުގައި ހައްޔަރު ކުރި މީހުންގެ އަތުން ވަނީ ކާބޯތަކެތީގެ އިތުރުން، ވެހިކަލްތަކަށް އަޅާ ތެލާއި، ދަނޑުވެރިކަން ކުރަން ބޭނުންވާ ތަފާތު އެއްޗެއްސާއި، އިމާރާތް ކުރުމަށް ބޭނުންވާ ތަފާތު އެއްޗެހި ވެސް ފެނިފައެވެ.

ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ ސަރަހައްދުން ލޫޓްވުން އިތުރުވެފައި ވާއިރު ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ލަަސްވަމުން ދާކަމަށް ބުނެ ގިނަަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދު އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ ބިންހެލުމާއި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 1424 އަށް އަރަފައިވާ ކަމަށެވެ. ބިންހެލުމާއި ސުނާމީގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް މަރުވެފައިވާ އެތައް ބަޔަކު ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ބިންހެލުމާއި ސުނާމީގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ވެސް ދޮޅުލައްކަ އަށް ވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު