އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ސެނެޓަށް ފޮނުވާފައިވާ ފަނޑިޔާރު ބްރެޓް ކެވިނޯގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އެމެރިކާގެ ތަޙްޤީޤީ އިދާރާ އެފްބީއައި އިން ތައްޔާރު ކުރި ރިޕޯޓް ސިއްރު ކޮށްފިއެވެ.

އެފްބީއައި އިން ތައްޔާރު ކުރި ރިޕޯޓް ސިއްރު ކުރުމަށް ފަހު، ސެނެޓްގެ ޖުޑީޝަލް ކޮމެޓީ އަށް ރޭ ވަނީ ފޮނުވާފައެވެ. ރިޕޯޓްގައި ހިމެނޭ 1200 އަށް ވުރެ ގިނަ ސޮފްހާ ދިރާސާ ކުރުމަށް ފަހު ސެނެޓް މެންބަރުން މިއަދުގެ ވަގުތެއްގައި ކެވިނޯ އަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމާނެއެވެ.

ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓް މެންބަރު ޑިއޭން މެކްވޯޓާ ވިދާޅުވީ ރިޕޯޓްގައި ހިމެނުން އެންމެ މުހިންމު ވާހަކަތައް ރިޕޯޓްގައި ނެތް ކަމަށެވެ.

"އެފްބީއައިގެ ރިޕޯޓްގައި ހިމެނުން އެންމެ މުހިންމު ވާހަކަތައް ރިޕޯޓްގައި ނެތް. ރިޕޯޓް ތައްޔާރު ކުރުމަށް އެފްބީއައި އިން ފަނޑިޔާރު ކެވިނޯ އަދި އޭނާގެ މައްޗަށް ތުހުމަތުތައް ކުރާ ޑރ.ފޯޑް އާއި އިންޓަވިއު ކޮށްފައެއް ނުވޭ. އަދި ފަނޑިޔާރު ކެވިނޯގެ ރަހުމަތްތެރިންގެ ބަހެއް ވެސް ރިޕޯޓްގައި ނެތް" މެކްވޯޓާ ވިދާޅުވިއެވެ.

މީގެ އިތުރުން އެފްބީއައި އިން ބަލަން ބޭނުންވި ކެވިނޯގެ ބައެއް މައުލޫމާތުތައް ބެލުން ވައިޓް ހައުސް އިން ވަނީ ހުއްޓުވާފައެވެ. އެހެންކަމުން އެފްބީއައި އަށް އެންމެ ފުރިހަމަ އަށް ކެވިނޯގެ މައްސަލަ ބެލިފައިވާ ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށް ޑިމޮކްރަޓިކުން ބުނެއެވެ.

ސެނެޓްގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަނުންނަށެވެ. ރިޕަބްލިކަން ޕާޓީގެ 51 މެންބަރުން ސެނެޓްގައި ތިއްބެވިއިރު ސެނެޓްގައި ތިއްބެވީ ޑިމޮކްރަޓިކުންގެ 49 މެންބަރުންނެވެ. ހުރިހާ ޑިމޮކްރަޓިކުން ވެސް ކެވިނޯގެ ނަން ފާސްކުރުމާއި ދެކޮޅަށް ވޯޓް ދޭނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ރިޕަބްލިކަންގެ ތިން މެންބަރަކު އަދި ވޯޓް ދޭނެ ގޮތެއް ނުނިންމަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ކެވިނޯގެ ނަން ފާސްވާނެ ކަމެއް ނުވަަތަ ނޫންކަމެއް ވެސް އަދި މުޅިން ޔަގީނެއް ނޫނެވެ.

ކެވިނޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ދެކޮޅަށް އެމެރިކާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި މުޒާހަރާތައް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު