މިދިޔަ ޖުލައި މަހު އިންޑިއާގެ މަދިޔަ ޕްރަދޭޝްގައި ކުޑަ ކުއްޖަކު ރޭޕްކޮށްލި މީހަކަށް މަރުގެ ޙުކުމް އިއްވައިފިއެވެ.

އުމުރުން 23 އަހަރުގެ މަހެންދުރާ ސިންހު ގޮންދު ނަމަކަށްކިޔާ މި މީހާއަށް މަރުގެ ޙުކުމް އިއްވާފައިވަނީ، އިންޑިއާގެ ޤާނޫނުގެ 376 ވަނަ މާއްދާގެ ދަށުން، 12 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރިކަން އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. މިދިޔަ ޖުލައި އެއްވަނަ ދުވަހު އުމުރުން ހަތަރު އަހަރުގެ އެކުއްޖާ ރޭޕްކޮށްލާފައިވަނީ އޭނާ ރަހީނުކޮށްގެން ގެންގޮސް ކަމަށް ވެއެވެ.

ރޭޕްގެ ޝިކާރަކައަށްވީ ކުއްޖާގެ އާއިލާ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ، ގޮންދުއަކީ ރޭޕްކޮށްލި ކުއްޖާގެ އާއިލާއާއި ރަހުމަތްތެރިކަމުގެ ގުޅުން އޮންނަ މީހެކެވެ. އޭނާ އެކުއްޖާ ރޭޕްކޮށްލީ، ކުއްޖާގެ ބައްޕަ އާއި ބައްދަލުކުރަން އެގެއަށް ދިޔަ ވަގުތެއްގައި ބޭރުގައި ހުރި ކުޑައެނދެއްގައި އެކުއްޖާ ނިދާފައި އޮއްވައި ރަހީނުކޮށްގެން އޭނާގެ ގެއަށް ގެންގޮހެވެ.

އެކުއްޖާ ރޭޕްކޮށްލުމަށްފަހު މީހުން ނޫޅޭ ސަރަޙައްދެއްގައި ހުރި ވިނަތަކެއްގެ ތެރެއަށް ގޮންދު އެކުއްޖާ އެއްލާލިއިރު، އެކުއްޖާ ފެނުނީ އާއިލާއިން ހޯދަމުން ދަނިކޮށް ހާލުދެރަވެފައި ވަނިކޮށް، ގެއްލުނުތާ އެތައް އިރެއް ފަހުންނެވެ. އެ ދުވަހު ލިބުނު އަނިޔާގައި އަދިވެސް އެކުއްޖާއަށް ސީރިއަސް ހާލުގައި ދިއްލީގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ.

މި ރަހުމުކުޑަ ހާދިސާ އާއި ގުޅިގެން، ގޮންދު ވަނީ އެ ދުވަހު ހައްޔަރުކޮށްފައެވެ. އަދި އޭނާ އާއި ދެކޮޅަށް ގިނަ ހެކިތަކެއް ހޯދާފައިވާއިރު، އޭނާ ފަހުން ވަނީ އެކުއްޖާ ރޭޕްކުރި ކަމަށް އެއްބަސްވެސް ވެފައެވެ.

ރޭޕްގެ މައްސަލަތައް ގިނަ އިންޑިއާގައި ކުޑަކުދިން ރޭޕްކޮށް އެކުދިންނަށް ޖިންސީ ގޯނާކުރުމަކީ ވަރަށް ޢާންމު ކަމެކެވެ. އެގޮތުން ދާދިފަހުންވެސް އެޤައުމުގައި، ރަހުމުކުޑަ ގޮތަކަށް ކުޑަކުއްޖަކު ޖިންސީ އަނިޔާގެ ޝިކާރައަކަށް ހަދާލި މައްސަލައެއް ފެންމަތިވެ ގިނަ ބަޔަކަށް ވަނީ ސިހުން ލިބިގެންގޮސްފައެވެ. މިފަދަ މައްސަލަތައް ގިނަ އިންޑިއާގައި ދާދި ފަހުން ވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޤާނޫނުން ހުއްދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ބަލަ އިންޑިޔާވީމަ މަރުގެ ހުކުމް އިއްވޭތަ؟ ކީއްވެ ރާއްޖޭކަ މިކަންކުރަންވީމަ ދޮންމީހުން ދެފަޔަށް ހިނިއަރައިގެންމިއުޅެނީ؟

  2. އަހުމަދު

    ހުކުމް އިއްވިޔަސް ތަންފީޒުކުރުމެއް ނޯވެޔޭ