އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ސެނެޓަށް ފޮނުވި ބްރެޓް ކެވިނޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން އެމެރިކާގެ ސެނެޓުން ދެންމެ ރުހުން ދީފިއެވެ.

ޒުވާން ދުވަސްވަރު ކެވިނޯ ޒުވާން އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވުނު ނަމަވެސް ސެނެޓުން އޭނާ އަށް ވަނީ ރުހުން ދީފައެވެ. ކެވިނޯ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް 50 މެންބަރުން ވޯޓް ދިންއިރު، އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓް ދިނީ 48 މެންބަރުންނެވެ.

ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ އިތުރުން ޑިމޮކްރަޓިކް ޕާޓީގެ އެއް މެންބަރަކު ވަނީ ކެވިނޯ އަށް ރުހުން ދޭން ވޯޓް ދީފައެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރެއިން ކެވިނޯ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދިނީ ވެސްޓް ވާޖީނިއާގެ މެންބަރު ޖޯ މެޗިން އެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރު ލީސާ މުކޯސްކީ ސެނެޓްގެ ޖަލްސާ އަށް ހާޒިރުވި ނަމަވެސް އޭނާ ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ. ރިޕަބްލިކަން ޕާޓީގެ އެއް މެންބަރަކު ސެނެޓްގެ ޖަލްސާ އަށް ހާޒިރެއް ނުވެއެވެ. އޭނާ ޖަލްސާ އަށް ހާޒިރުނުވީ ދަރިކަނބަލެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާން ވޮޝިންޓަނުން ބޭރުގައި ހުރުމުންނެވެ.

ކެވިނޯ ސުޕްރީމް ކޯޓަށް އައްޔަން ކުރަން އެމެރިކާގެ ސެނެޓުން ރުހުން ދިން އިރު އޭނާ އަށް ރުހުން ދިނުމާއި ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުންނެއް ގެންދިޔައީ މުޒާހަރާ ކުރަމުންނެވެ.

އެމެރިކާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކެވިނޯ އަށް ސެނެޓުން ރުހުން ދިނުމަކީ މަހެއްހާ ދުވަސް ފަހުން އޮންނަ މިޑްޓާމް އިލެކްޝަންގައި ރިޕަބްލިކަން ޕާޓީ އަށް ނާކާމިޔާބު ކުރިމަތިވެދާނެ ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބޫ

    ކިތައްމެ ވަރަކައް ތުހުމަތު ކުރިއަސް ސާބިތު ނުވާހާ ހިނދަކު އޭނާ ވާނީ ކުށެއް ނުކުރާ މީ ހެކޭ އެއް ފަދަ!

  2. ހަލީމް

    އަތްޖަހާ!!!

  3. ސޮކްބެ

    ބޮޑެތި މީހުން ކުށް ކުރިއަކަސް ކުށަކަށް ނުވަނޏާ ދެން !!!!!!!!!! https://vaguthu.mv/، އޯކޭނު؟

  4. ހަމަ

    ސާބިތު ނުވާހާ ހިނދަކު ބަރީއަވާނީ ޤާނޫނީގޮތުން ޙައްޤުވާ އަދަބަކުން. އޭގެ މާނައެއް ނޫން ޒިންމާދާރު މުހިއްމު ކަންކަން ލޯ މަރާލާފަ ޙަވާލުކުރާށޭ. ވައްކަމުގެ ތުހުމަތު ކުރެވޭ މީހަކު ބޭންކެއްގެ ތިޖޫރީ ޙަވާލުކުރުމަކީ ބުއްދިވެރިކަމެއްނޫން.