އިންޑޮނޭޝިޔާގެ ރަށެއް ކަމަށްވާ ސުލަވެސީގެ މެދުތެރެއަށް ފުލުފުލުން އައި ބިންހެލުންތަކާއި، ފުރަތަމަ އައި ބިންހެލުމާ ގުޅިގެން އެރި ސުނާމީގައި ގެއްލުނު 200 އަށް ވުރެން ގިނަ މީހުން އަދިވެސް ނުފެންނަ ކަމަށް އިންޑޮނޭޝިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެފިއެވެ.

ބާރުގަދަ ސުނާމީގެ ސަބަބުން މަރުވެފައިވާކަން މިހާތަނަށް ކަށަވަރުވި މީހުންގެ އަދަދު 1650 އަށް އަރާފައިވާއިރު މަރުވި މީހުންގެ ތެރެއިން 1423 މީހުންނަކީ ސުލަވެސީގެ ވެރިރަށް ޕާލޫގެ މީހުންނެވެ. ބިންހެލުމާއި، ސުނާމީއާ ގުޅިގެން މިހާތަނަށް 256 މީހަކަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

ބިންހެމާއި ސުނާމީގެ ސަބަބުން އިންޑޮނޭޝިޔާގެ ޕާލޫ ގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ލިބުމުގައި ވަނީ ދަތި ތަކާއި ކުރިމަތިވެފައެވެ. އެޤައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ސުނާމީއަށްފަހު ރަށުތެރޭގައި ލޫޓްވުންވަނީ އާއްމުވެފައެވެ.

މިއީ ކާބޯތަކެތި ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ވާކަމެއް ކަމަށްވެސް އެޤައުމުގެ ނޫސްތަކުން ބުނެއެވެ. މިގޮތުން ފިހާރަތަކުގައި ހުރި މުދާތައްވެސް ލޫޓްވަމުންދާ ގިނަ ބަޔަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

އިންޑޮނޭޝިއަށް ރެކްޓަރ މިންގަޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމާއިއެކު އުފެދުނު ސުނާމީގައި 66000 އެއްހާ ގެދޮރުވަނީ ފަނާވެފައެވެ. އަދި މިހާދިސާގައި ގިނަ އަދަދެއް ކުޑަކުދިންނާއި އަންހެނުންވަނީ ކާނާއަށާއި ސާފު ފެނަށް ޖެހިފައެވެ. ކާނާއާއި ސާފުފެން ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުންދަނީ ކުރަމުންނެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.