ކެރީބިއަން ގައުމެއް ކަމަށްވާ ހެއިޓީ އަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން ދިހަ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ 5.9 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. މިއީ 2010 ވަނަ އަހަރު ހެއިޓީ އަށް އައި ބާރުގަދަ ބިންހެލުމަށް ފަހު އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. 2010 ވަނަ އަހަރު އައި ބިންހެލުމުގައި ހެއިޓީ އިން ދެލައްކަ އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް ވިދާޅުވީ ބިންހެލުމުގެ ސަބަބުން ވަރަށް ގިނަ އިމާރާތްތައް ބިމާ ހަމަވެފައިވާ ކަމަށެވެ. މިހިތާމަވެރި ދަނޑިވަޅުގައި ރައްޔިތުން ކެތްތެރިކަމާއި އެކު ތިބުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ޑިޒާސްޓާ ޓާސްކް ފޯހެއް އުފައްދާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވެއްޓިފައިވާ އިމާރާތްތައް ދަށުން މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެނުމުގެ ފުރުސަތު ބޮޑެވެ.

ހެއިޓީ އަށް މިއަދު އައި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު 2010 ވަނަ އަހަރު އެގައުމަށް އައި ބިންހެލުމުން ވެސް އަދި އަރައިނުގަނެވެއެވެ. އެބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކު އަދިވެސް ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން އެބަދެއެވެ.

ހެއިޓީ އަކީ 10.85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު