އަނިޔާވެރިކަން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް މަސްވެރިކަން ކުރެވޭނެ ކަނޑުގެ ސަރަހައްދު އިސްރާއީލުން ކުޑަކޮށްފިއެވެ.

އިސްރާއީލުން މީގެ ކުރިން ވަނީ ތަފާތު އެކި ފަހަރު މަތިން ފަލަސްތީނުގެ ކަނޑުގެ ސަރަހައްދުގައި ޣައްޒާގެ ރައްޔިތުންނަށް މަސްވެރިކަން ކުރެވޭނެ ސަރައްހައްދު ކުޑަކޮށްފައެވެ. އިސްރާއީލުން މި ފަހަރު މި ފިޔަވަޅު އެޅީ އިސްރާއީލާ ޣައްޒާ ގުޅޭ ސަރަހައްދީ އިމުގައި ކުރާ މުޒާހަރާތަކުގެ ރައްދެއް ކަމަށް ބުނެއެވެ.

އިސްރާއީލުން ބުނެފައިވަނީ މަސްވެރިކަމަށް ކަނޑައަޅާފައިވާ ސަރަހައްދު މިހާރު ނުވަ ނޯޓިކަލް މޭލުން ހަ ނޯޓިކަލް މޭލަށް ކުޑަކޮށްފައިވާ ކަމަށެވެ.

އިސްރާއީލުން މި ފިޔަވަޅު އަޅާފައިވަނީ ފަލަސްތީނުގެ މަސްވެރިންނަށް ދީފައި އޮންނަ ޒޯނުން ބޭރުވާ ކަމަށްބުނެ މަސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފައިވަނިކޮށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާއިލް ސިފައިންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާއިރު، ފަލަސްތީނުގެ ހުސް އަތާއި ތިބި މުސްލިމުންނާއި ދެކޮޅަށް ސިފައިން ވަނީ ބޮޑު ޤަތުލުޢާންމެއް ހިނގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން އެ ޙަމަލާތަކުގައި އެތައް ހާސް މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

ޣައްޒާގައި ކޮންމެ ހުކުރު ދުވަހަކު މުޒާހަރާތައް ކުރިއަށް ގެންދާތާ މިހާރު ފަސް މަސް ދުވަސް ވެއްޖެއެވެ. ޣައްޒާ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދަނީ މީގެ 70 އަހަރު ކުރިން ފަލަސްތީންގެ ބިމުން ނެރެ، ރެފިއުޖީންނަށް ހަދާލާފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނަށް އާދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ.

1948 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފަލަސްތީންގެ ހަތްލައްކަ އަށް ވުރެ ގިނަ ރައްޔިތުން ވަނީ ފަލަސްތީނުގެ ބިމުން ނެރެ ރެފިއުޖީންނަށް ހަދާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯޑް

    އަަރަބިންނަކީ އެއްވެސް ކަމެއް ވާ ބައެއްނޫން. ހެކި މިހިރަ ފެންނަނީ

    • ޢަބްދުﷲ

      އަރަބިންނަކަށް ވަކި ދިވެހިންނެއް ދުލެއް ނުކުރޭ. މުހިންމީ އަރައްބެއް އަޖަމީއެއް ނޫން. މުހިންމީ ފުރިހަމަ މުސްލިމުން. ދީނަށް އެނބުރި ރުޖޫޢު ނުވާ ރައްޔިތުންގެ މައްޗަށް ރަނގަޅުވެރިންނެއް ނާންނާނެ. ހުސްވެސް އަމިއްލަ އެދުމުގަ ތިބޭ ޣައްދާރުން އަންނާނީ. އެހެންވީމަ މިބުނަނީ އަދިވެސް އާންމު މުސްލިމުން އެންމެ ކުޑަމިނުން ނަމާދުތައް ޤާއިމުކުރާށޭ. ނަސްރަކީ ﷲ ދެއްވާ އެއްޗެއް.