ސައުދީ އަރަބިއްޔާގެ ވަލީ އަހްދަށާއި ސައުދީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް ލިޔެފައިވާ ނޫސްވެރިޔާ، ޖަމާލް އަހުމަދު ޚާޝޮގީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްގައި މަރާލާފައިވާ ކަމުގެ ތުޙުމަތު ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ކޮށްފިއެވެ.

ވޮޝިންޓަން ޕޯސްޓްއަށް ލިޔަމުންދާ އުމުރުން 59 އަހަރުގެ ޖަމާލް މަރާލާފައިވާ ކަމުގެ ތުހުމަތު ސައުދީއަށް ކޮށްފައިވާާއިރު، އޭނާ ގެއްލިފައި ވަނީ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ކުރި ޒިޔާރަތަކަށް ފަހުގައެވެ. އޭނާ ސައުދީ ކޮންސިއުލޭޓަށް ގޮސްފައިވަނީ ސައުދީގައި އިނދެގެން އުޅުނު މީހާ ވަރިކޮށްފައިވާކަން ކަށަވަރު ކުރުމަށެވެ. އަދި މިއީ ތުރުކީގައި އިތުރު ކައިވެންޏެއް ކުރުމަށް ބޭނުންވާ ލިޔެކިޔުން ހޯދުމަށް ކުރި ޒިޔާރަތެއް ކަމަށް އޭނާ އިންނަން އުޅުނު ތުރުކީ އަންހެން މީހާ ބޭރުގެ މީޑިޔާތަކުގައި ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޚާޝޮގީ ކޮންސިއުލޭޓަށް ދިޔަ ދުވަހު ވަނީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސައުދީ ޓީމެއް އިސްތަންބޫލަށް ގޮސްފައެވެ. ނަމަވެސް މިއީ ކޮންކަމަކު ދިޔަ ބައެއް ކަމެއް އަދި ކޮން ބޭނުމަކު ދިޔަ ބައެއް ކަމެއްވެސް އަދި ސާފުވާގޮތްވަނީ ނުވެފައެވެ.

މިމައްސަލަ އާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ދިން އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ސައުދީން އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ގެއްލުނު މީހާއަކީ ސައުދީއަށް ނިސްބަތްވާ މީހެއް ކަމުން އެމީހާއަށް ވީގޮތެއް ބަލަން ސައުދީއިންވެސް ބޭނުންވާ ކަމަށް ވަލީ އަހްދު ވިދާޅުވެފައިވެއެވެ. އަދި ތަޙްޤީޤަށް ސައުދީ ކޮންސެލްޓްއަށް ވަންނަން ބޭނުން ވެއްޖެ ހާލަތެއްގައި އެތަނަށް ވަނުމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޖަމާލް އަހުމަދު ޚާޝޮގީ އަކީ އަމިއްލައަށް ތުރުކީއަށް އަރުވާލެވިގެން ހުރި މީހެކެވެ. މިމީހާ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ސައުދީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް އޭނާ ލިޔަމުން ގެންދިޔަ ނޫސް ހުއްޓުވާލުމަށް ފަހު އޭނާއާއެކު މަސައްކަތް ކުރި މީހުން ޖަލަށް ލުމާއި ގުޅިގެންނެވެ.