ގެއްލިގެން ހޯދަމުން ދިޔަ އިންޓަޕޯލްގެ ރައީސް މެންގް ހޮންގްވެއި މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދަނިކޮށް 12 ދުވަސް ފަހުން، އޭނާގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ޗައިނާ އިން މިހާރު ބުނެފައިވާއިރު ޗައިނާއިން ވަނީ އޭނާ ހިފަހައްޓާފައެވެ.

ޗައިނާއިން ބުނެފައިވަނީ ހޮންގްވެއި ޗައިނާގެ ޤާނޫނުތަކާއި ހިލާފުވެފައިވުމުގެ ސަބަބުން އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމުންދާ ކަމަށެވެ. މެންގް ހޮންގްވޭއަކީ ޗައިނާގެ ފުލުންގެ ތެރޭގައި މަސައްކަތްކުރައްވާފައިވާ ޗައިނާގެ ސީޔާސީ ބޭފުޅެކެވެ.

މެންގް ހޮންގްވެއި ގެއްލުމުގެ ކުރިން ފްރާންސްގައި ދިރިއުޅެމުންދާ މެންގްގެ އަންހެނުން ގްރޭސް ވަނީ، ޗައިނާއަށް މެންގް ފުރާވަޑައިގަތުމުގެ ކުރިން އޭނާއަށް ވަޅިއެއްގެ ފޮޓޯ ހިއްސާކުރައްވާފައިވާކަމަށް ބުނެފައެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ އަނބިކަނބަލުން ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

2016 އިން ފެށިގެން އިންޓަޕޯލްގެ ރައީސުކަން ކުރައްވާ މެންގް ގެ އިސްތިއުފާގެ ސިޓީ އިންޓަޕޮލްއަށް ލިބިފައިވަނީ، ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް މެންގް ގެންގޮސްފައިވާކަން ކަށަވަރުވިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

މެންގް އެންމެފަހުން ފެނިފައި ވަނީ ފާއުތިވި ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު އިންޓަޕޯލްގެ މައި އޮފީސް ހުންނަ ފްރާންސުގެ ލިއޯންއިން ޗައިނާއަށް ފުރާވަޑައިގަންނަވަނިކޮށެވެ.

ދުނިޔޭގެ މީޑިއާތަކުން އޭނާ ގެެއްލިފައިވާ ކަން އާއްމުކޮށް އެނގުނީ އޭނާއަށް ވީނުވީއެެއް ނޭނގި ގެއްލިގެން ހޯދަމުން ދާކަން ހުކުރު ދުވަހު ފްރާންސްގެ ފުލުުހުން ހާމަކުރުމުންނެވެ.އިންޓަޕޯލްއިން ބުނެފައިވާ ގޮތުގައި އެންމެ ފަހުން އޭނާ ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ފްރާންސްގައި ހުންނަ ހެޑުކުއާޓަރުންނެވެ. އޭގެ ފަހުން އޭނާ ޗައިނާއަށް ގޮސްފައިވާ އިރު ހަބަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސްޓަރ

    ތިޔަ ތަނުގެ ރައީސް ބޭނުންގޮތަކަށް ގައުމަކުން ހައްޔަރުކުރުމުން، ތިޔަ އިންޓަރޕޯލް ހިގަމުން ދާގޮތާއި، ފެންވަރު ވަޒަން ކުރެވިއްޖެ.