މިދިޔަ މަހުގެ 28 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ރަށެއް ކަމަށްވާ ސުލަވެސީގެ މެދުތެރެއަށް ފުލުފުލުން އައި ބިންހެލުންތަކާއި، ފުރަތަމަ އައި ބިންހެލުމާ ގުޅިގެން އެރި ސުނާމީގައި ގެއްލުނު މީހުން ހޯދުން ހުއްޓާލަން އެގައުމުން ނިންމައިފިއެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ހުއްޓާލާނެ ކަމަށެވެ. ބިންހެލުމާއި ސުނާމީގައި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ އަދަދު 200 އަށް ވުރެން މައްޗަށް އަރައެވެ.

ސުނާމީގެ ސަބަބުން ގެއްލުނު މީހުންގެ ހަށިތަށް މިހާރު ވަރަށް ބޮޑަށް ހަލާކުވެފައި ވާނެ ކަމަށް ލަފާ ކުރެވޭތީ ބަލި މަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު އެގައުމުގެ ސިއްހީ އިދާރާތަކުން މީގެ ކުރިން ދީފައެވެ.

އިންޑޮނޭޝިއަށް ރެކްޓަރ މިންގަޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމާއިއެކު އުފެދުނު ސުނާމީގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް މަރުވެފައިވާ އެތައް ބަޔަކު ތިބޭނެ ކަމަށް ލަފާކުރެވޭ އިރު ބިންހެލުމާއި ސުނާމާއީއާއި ގުޅިގެން މަރުވި މީހުންގެ އަދަދު 1650 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. ސީރިއަސް އަނިޔާ ލިބިފައިވާ މީހުންގެ އަދަދު 3000 އަށްވުރެ މައްޗަށް އަރައެވެ.

ބިންހެލުމާއި ސުނާމީގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ވެސް ދޮޅުލައްކަ އަށް ވުރެ ގިނައެވެ. ބިންހެމާއި ސުނާމީގެ ސަބަބުން އިންޑޮނޭޝިޔާގެ ޕާލޫ ގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ލިބުމުގައި ވަނީ ދަތި ތަކާއި ކުރިމަތިވެފައެވެ. އެޤައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ސުނާމީއަށްފަހު ރަށުތެރޭގައި ލޫޓްވުންވަނީ އާއްމުވެފައެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.