އިންޑިއާގެ ބިހާރު ސްޓޭޓުގައި ޒިކާ ވައިރަސް ފެތުރިދާނެކަމުގެ ނުރައްކާ ބޮޑުވެ އެލާޓް ނެރެފިއެެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބިހާރު ސްޓޭޓުގައި ޒިކާ ވައިރަސް ފެތުރިދާނެތީ އެލާޓް ނެރެފައި ވަނީ، ސިވާންއަށް ނިސްބަތްވާ ފިރިހެނެއްގެ ހަށިގަނޑުން އެ ވައިރަސް ފެނުމާއި ގުޅިގެންނެވެ.

އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ހަށިގަނޑުން ވައިރަސް ފެނިގެން އެލާޓް ނެރެފައިވާއިރު، އޭނާ ވަނީ ދާދި ފަހުން ސިވާންއަށް ޓެސްޓެއް ހަދަން ގޮސްފައެވެ. އަދި އޭގެ ފަހުން ޖައިޕޫރްގައި އޭނާ ހެދި ޓެސްޓަކުން އޭނާގެ އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ވެއެވެ.

އޭނާ ބިހާރަށް އައި ފަހުން، އެ ބަލި ފެނުނުއިރު، މިހާރު ޑޮކްޓަރުންގެ ޓީމެއް ވަނީ ސިވާންއަށް ފޮނުވާފައެވެ. އެއީ އެ ޒުވާނާގެ އާއިލާގެ މީހުންނަށް އެފަދަ ބައްޔެއް ޖެހިފައި ހުރިތޯ ޔަގީން ކުރުމަށެވެ. އެ އާއިލާގެ އަށް މެންބަރުން ތިބޭއިރު، އޭގެ ތެރެއިން އެކަކީ މާބަނޑު މީހެކެވެ. މާބަނޑު މީހުންނަށް ޒިކާ ވައިރަސް ޖެހުމުން ވަރަށް ބޮޑު ވަރުވެއެވެ.

ޑޮކްޓަރުން ބުނީ، އެގެއިން އެއްވެސް މީހަކަށް ޒިކާ ވައިރަސް ޖެހިގެން އުޅޭކަމުގެ އަލާމާޓެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި، ބިހާރްގެ 38 ޑިސްޓްރިކްޓްއަކަށް އެލާޓް ނެރެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މިހާރު ވަނީ ނިންމާފައެވެ.

އިންޑިއާގެ ސިއްޙީ ވުޒާރާއިން ބުނީ، އެ ބަލި އަދި ބިހާރް އަވަށުގައި ފެތުރެން ފަށާފައި ނުވާކަމަށެވެ. ނަމަވެސް ފެތުރިދާނެކަމަށް ބަލައި، ފޮގް ކުރަން ފަށާފައިވާކަމަށާއި، ޒިކާ ވައިރަސްއަށް ޕޮޒިޓިވްވި މީހާ ވަކިން ކޮޓަރިއެއްގައި ބާއްވައިގެން ފަރުވާދެމުން އަންނަކަމަށެވެ.

ޒިކާ ވައިރަސްއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ނުރައްކާތެރި ވައިރަސްއެކެވެ.