ކައިވެނި ޕާޓީ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އެމެރިކާގެ ނިއު ޔޯކްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވި މީހުންގެ ތެރޭގައި އަލަށް ކައިވެނި ކުރި ދެމަފިރިންނާއި، އެމީހުންގެ މައިންބަފައިންނާއި އެއް އައިލާއެއްގެ ހަތަރު އަންހެނުންނާއި އެމީހުންގެ ފިރިން ހިމެނޭ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިއެކްސިޑެންޓްގައި 20 މީހުން މަރުވިއެވެ. މިއީ 2009 ވަނަ އަހަރަށް ފަހު އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓް ކަމަށް އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ބުނެއެވެ.

އެކްސިޑެންޓްވި ލިމޯ އަކީ ކުއްޔަށް ނަގައިގެން އާއިލާ މެންބަރުން ދަތުރު ކުރަމުން ދިޔަ ލިމޯ އެކެވެ. މިހާރު އެނގިފައިވާ ގޮތުގައި އެއީ ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ވެހިކަލެކެވެ. އެކްސިޑެންޓް ހިނގުމުގެ ކުޑަ އިރުކޮޅެއް ކުރިން ލިމޯގައި އިން މީހަކު ވަނީ ލިމޯގެ ހާލަތު ވަރަށް ގޯސް ކަމަށް ބުނެ އެކުވެރިޔަކަށް މެސެޖެއް ވެސް ކޮށްފައެވެ.

އެކްސިޑެންޓްގައި މަރުވި މީހުންގެ ތެރެއިން 18 މީހުންނަކީ ލިމޯގައި ތިބި މީހުންނެވެ. އޭގެތެރޭގައި ލިމޯގެ ޑްރައިވަރު ވެސް ހިމެނެއެވެ. ދެން މަރުވި ދެމީހުންނަކީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ތިބި ދެމީހުންނެވެ.

އެކްސިޑެންޓްގައި މަރުވި އާއިލާގެ އަވައްޓެރިން ބުނާ ގޮތުގައި އެއާއިލާ އަކީ ވަރަށް ގުޅުން ރަނގަޅު އާއިލާ އެކެވެ. އާންމުކޮށް ކޮންމެ ހަފްތާއަކު އާއިލާގެ ހުރިހާ މެންބަރުން ބައްދަލު ކުރާ ކަމަށް އެމީހުންގެ އަވައްޓެރިންނާއި އެކުވެރިން ބުނެއެވެ.

އެކްސިޑެންޓް ހިނގީ ދެވެހިކަލް ޖެހިގެން ކަން މިހާރު ވަނީ ތަޙްޤީޤަށް ކަށަވަރު ކުރެވިފައެވެ. ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.