އެމެރިކާ އިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު، ނިކީ ހޭލީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކުއްލި ގޮތަކަށް ހޭލީ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ހޭލީ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ހޭލީ މަގާމުން އިސްތިއުފާ ދެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހޭލީ އަކީ އޭނާއަށް ވަރަށް ހާއްސަ އަދި ވަރަށް މުހިއްމު ފަރާތެއް ކަމަށާއި މަގާމުގައި ހުންނަވައިގެން ހޭލީ މަސައްކަތް ކުރެއްވީ ވަރަށް ބަރާބަރަށް ކަމަށެވެ.

"އަހަރުމެން ގުޅިގެން މިކުރީ ވަރަށް ބަރާބަރު މަސައްކަތްތަކެއް. ވަރަށް ގިނަ ކަންކަން ހައްލުވެއްޖެ. އަދި ވަރަށް ގިނަ ކަންކަން ހައްލުވުމުގެ މަރުހަލާގަ މިހާރުވެސް މިތިބީ" ޓްރަމްޕް ވިދާޅުވިއެވެ.

ކޮންމެވެސް ދުވަހަކުން އެމެރިކާ ސަރުކާރަށް ކޮންމެވެސް ގޮތަކުން ހިދުމަތް ކުރެއްވުމަށް ހޭލީ އެނބުރި ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި ހޭލީގެ ބަދަލުގައި އދ. ގެ ސަފީރު ކަމަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ނަން ދެތިން ހަފްތާއެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ހޭލީ މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ މަގުސަދުގައި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ވާހަކަތައް ހޭލީ ވަނީ ދޮގު ކުރައްވާފައެވެ. ހޭލީ ވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕް އަށް ކެމްޕެއިން ކޮށްދެވުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދދދދދ

    ޤުދުސަކީ އިޒްރޭލްގެ ވެރިރަށް ކަމަށް ކަނޑައެޅުމާމެދު އދ. ގައި ނެގި ވޯޓު ނާކާމިޔާބު ވުމުން އެތާ ތެރޭ ވައްތަރު ޖެއްސި ދައިތައެއްނު މީ. ބޮޑު އަލިފާން ދަރުގަނޑާ،

  2. ޒާ

    މީނާއަކީ އދ. ގައި މަސައްކަތް ކުރި ނުބައި ނުލަފާ މީހެއް.