ވޮޝިންޓަން ޕޯސްޓަށް ލިޔަމުން އަންނަ، ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ ސައުދީ ކޮންސިއުލޭޓަށް ވަންނަ ފޮޓޯއެއް ވޮޝިންޓަން ޕޯސްޓްއިން އާއްމު ކުރުމާއިއެކު، ނޫސްވެރިޔާއަށް ހޯދުމަށް ކުރާ ތަޙްޤީޤްގެ މަސައްކަތުގައި ސައުދީ ކޮންސިއުލޭޓް ބަލާ ފާސްކުރާނެ ކަމަށް ތުރުކީއިން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ތުރުކީގެ އިސްތަންބޫލް ކޮންސިއުލޭޓަށް ޚާޝޮގީ ދިޔަފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، ތުރުކީއިން ވަނީ ސައުދީ އިން ނޫސްވެރިޔާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ސައުދީއިން މިކަން ދޮގުކޮށްފައިވާއިރު ސައުދީގެ ވަލީ އަހްދު މުހައްމަދު ބުން ސަލްމާން މީގެ ކުރިން ވަނީ ސައުދީއަށް ނިސްބަތްވާ މިމީހާ ހޯދުމުގެ މަސައްކަތަކަށް ދެވެން އޮތް އެއްބާރު ލުމެއް ދެއްވަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ތަޙްޤީޤަށް ސައުދީ ކޮންސިއުލޭޓްއަށް ވަންނަން ބޭނުން ވެއްޖެ ހާލަތެއްގައި އެތަނަށް ވަނުމަށްވެސް ވަލީ އަހްދު މީގެ ކުރިންވަނީ ވިދާޅުވެފައިއެވެ.

ތުރުކީއިން މިމައްސަލައިގައި ޚާޝޮގީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވާއިރު، ތުރުކީގެ އޮފިޝަލުންވަނީ ތަކުރާރުކޮށް ސައުދީ ކޮންސިއުލޭޓް ކުރެން ޚާޝޮގީ ސައުދީ ކޮންސިއުލޭޓްއިން ނިކުތްކަން ޔަގީންކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ސައުދީ ކޮންސިއުލޭޓުން މިކަމަށް މިހާތަނަށް ޖަވާބު ދާރީ ވެފައެއް ނުވެއެވެ.

ތުރުކީގެ ފޮރިންމިނިސްޓީގެ ތަރުޖަމާން ވިދާޅުވީ، މިމައްސަލައިގެ ތަޙްޤީޤް ކުރިޔަށް ދާ ކަމަށާއި އަދި ތަޙްޤީޤަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސައުދީ ކޮންސިއުލޭޓަށް ވަންނާނެ ކަމަށެވެ. އަދި ސައުދީއިން މިކަމުގައި އެއްބާރުލުން ދޭނެކަން ހާމަކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސައުދީ ކޮންސިއުލޭޓް ބަލާ ފާސްކުރާނީ ކޮން ދުވަހަކު ކަމެއް އަދި މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

ޖަމާލް އަހުމަދު ޚާޝޮގީއަކީ ސައުދީ އަރަބިއްޔާގެ ވަލީ އަހްދަށާއި ސައުދީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް ލިޔެފައިވާ ނޫސްވެރިއެކެވެ. އަދި އޭނާ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާ ކުރިން ކައިވެނިކުރި ސައުދީ އަންހެން މީހާގެ ވަރީގެ ސެޓްފިކެޓް ހޯދާށެވެ. ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން އޭނާވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.