އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ސްކޫލުތަކުގައި މަސައްކަތްކުރާ ޓީޗަރުންނަށާއި އެހެން މުވައްޒަފުންނަށް، ސްކޫލަށް ދާއިރު ބަޑި ގެންދެވޭގޮތް ހަދައިފިއެވެ. މިކަން ބަޔާންކޮށްފައިވާ ޤާނޫނު، އެސްޓޭޓުގެ ގަވަރުނަރުވަނީ މިހާރު ތަސްދީޤު ކޮށްފައެވެ.

ފްލޮރިޑާގެ ސްކޫލެއްގައި ދިން ޓެރަރިސްޓް ހަމަލާއަކަށްފަހު، އެހަމަލާގައި ދުނިޔެ ދޫކުރި މީހުންގެ ގާތް މީހުންނާއި އާންމުންގެ ބޮޑު ޕްރެޝަރަކާއެކު މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އެޤާނޫނުގައި މިނޫނަސް އިތުރު ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެއެވެ.

އެގޮތުން، ފްލޮރިޑާގައި ބަޑިއެއް ގެންގުޅުމުގެ ހުއްދަ ދެވޭ މީހުންގެ އުމުރުވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފައެވެ. ހަމައެހެންމެ، ސްކޫލުތަކުގެ ޓީޗަރުންނަށާއި މުވައްޒަފުންނަށް ވޮލަންޓްރީ ޕްރޮގުރާމުތައް ހިންގާ، ބަޑިއާ ބެހޭ އެހެން މައުލޫމާތު ދިނުމަށްވެސް، ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އާއްމުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޕްރޮގުރާމުތައް ހިންގަންވެސް ފާސްކުރި ޤާނޫނުން މަތިކޮށްފައިވެއެވެ.

މިފަދަ ޤާނޫނެއް ފްލޮރިޑާގައި ހަދާފައިވާއިރު، އެމެރިކާގެ އެހެން އެއްވެސް ސްޓޭޓަކުން އަދި މިފަދަ ކަމެއް ކޮށްފައެއް ނުވެއެވެ. މުޅި އެމެރިކާގައި މިފަދަ ފިޔަވަޅެއް އެޅުމަށް، ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    ތިޔައީ އެއްގޮތަކަށްވެސް ކުރުން ރަގަޅު ކަމެއްނޫން. ތީގެބަދަލުގައި ހުޝިޔާރު ސެކިޔުރިޓީން ލާފައި އެމީހުން އަތަށް ބަޑިދިނީމާ ނިމުނީ. ތުރަމްބެ އަކީ ދެން މާ ބަޑިޔާދޯޅު މުއްޗުޅިއެއްވިއްޔަދޯ......!!!