ފާއިތުވި 150 އަހަރުގެ ތެރޭގައި އެމެރިކާ އަށް އަރާ އެންމެ ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާ އަށް އަރައިފިއެވެ.

"މައިކަލް" ގެ ނަން ދީފައިވާ ތޫފާނަކީ އެންމެ ގެއްލުން ބޮޑު ތޫފާނަށް ވެގެން ދާނެ ކަމަށް ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށް އެޖެންސީގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.

ކެޓަގަރީ-4 ގެ ތޫފާންގައި ފްލޮރިޑާ އަށް ވަނީ 145 މޭލަށް މިހާރު ވެސް ވައި ޖެހިފައެވެ. އަދި 155 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

"ގެތަކުގެ ފުރާޅުތައް ވެއްޓި، އެތައް ގެއެއް ސުންނާފަތިވެގެން ދާނެ މަންޒަރު ފެންނާނެ." ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީގެ ވެރިޔާ ގްރަހަމް ވިދާޅުވިއެވެ.

ގަދަ ވައިގެ ސަބަބުން މިހާރު ވެސް އެތައް ގަހެއް ވެއްޓެމުން ދާއިރު، ކުރިއަށް އޮތް ގަޑިތަކުގައި އިތުރު ގަސްތައް ވެއްޓި މަގުތަކުން ދަތުރު ނުކުރެވޭނެ ހާލަތައް ކަންތައްތައް ދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ގަދަ ވައިގެ ސަބަބުން ކަނޑު ގަދަވެ ފްލޮރިޑާ އަށް 14 ފޫޓްގެ އުސް ރާޅު އަރާނެ ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާ އިން ހާމަ ކުރެއެވެ.

އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ ތޫފާން ފްލޮރިޑާ އަށް އަރާފައި ވާއިރު ތޫފާނުގެ ބާރު އަދި އިތުރަށް ވަރުގަދަ ވަމުން އަންނަ ކަމަށެވެ.

"ތޫފާން މައިކަލް މިހާރު ވަނީ ފްލޮރިޑާ އަށް އަރާފައެވެ. ތޫފާން ފްލޮރިޑާގެ ތެރެއިން ދަތުރު ކުރަމުން ދާއިރު އަދި އިތުރަށް ދަނީ ބާރުގަދަ ވަމުންނެވެ. މިއީ އިންތިހާ ދަރަޖައަށް ނުރައްކާތެރި ތޫފާނެކެވެ." ނޭޝަނަލް ހަރިކޭން ސެންޓަރުން ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ތޫފާނުން ރައްކާތެރިވެ ތިބުމަށް ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ތޫފާންގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާލަން އަންނަ އާދީއްތަ ނުވަތަ ހޯމަ ދުވަހު އެމެރިކާގެ ހުޅަނގަށް ދަތުރު ކުރާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.