އަވަށްޓެރި ސްރީލަންކާގައި ހަމަނުޖެހުންތައް އުފެދެން މެދުވެރި ސަބަބު ތަހުގީގު ކުރުމަށް ތިިން ފަނޑިޔާރުންގެ ޕެނަލެއް ރައީސް މައިތުރިޕާލާ ސިރިސޭނާ އެކުލަވާލައްވައިފި އެވެ.
ސިރިސޭނާ އެކުލަވާލި ކޮމިޝަނުން ބަލާނީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ކޮން ރޭވުމެއްތޯ އާއި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުންތައް އުފެދެން މެދުވެރި ސަބަބެވެ.
ލަންކާގައި ހަމަނުޖެހުންތައް ބޮޑުވުމުން 10 ދުވަހުގެ ކުއްލި ހާލަތު ވަނީ އިއުލާން ކޮށްފައެވެ. ކެންޑީގައި އިއުލާންކުރި ކާފިއު އިއްޔެ އިން ފެށިގެން އުވާލާފައިވީ ނަމަވެސް ކޮންމެވެސް ވަރަކަށް ސިފައިން އަދިވެސް ގެންދަނީ ކެންޑީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
ލަންކާގައި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ވަނީ 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަމަނުޖެހުމުގެ ފަހަތުގައިވާ އެންމެ އިސް މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިދިޔަ ހޯމަދުވަހު ކެންޑީގެ އަވަށެއްގެ މަގުމަތީގައި ހިނގި ދެބަސް ވުމެއްގައި މުސްލިމު ބައެއްގެ އަތުން ލިބުނު ޒަހަމުތަކަކަށް ފަރުވާ ދެމުންދަނިކޮށް ސިންގަޅައަކު މަރުވުމާ ގުޅިގެން ސިންގަޅަ ހަރުކަށި ގްރޫޕްތަކުން ވަނީ ރަށުގެތެއަށް ނުކުމެ، މުސްލިމުންގެ އެތައް ގެދޮރާއި، ފިހާރަތަކާއި މިސްކިތްތަކުގައި ހުޅުޖަހައި އަންދާލާފައެވެ.
ހަމަނުޖެހުންތަކުގައި ވަނީ ތިން މީހުން މަރުވެ 20 މީހުން ޒަޚަމްވެ އަދި މުސްލިމުންގެ 200 އަށް ވުރެ ގިނަ އިމާރާތާއި ތަކެއްޗަށް ގެއްލުންދީފަ އެވެ. އްދި އެންމެ ބޮޑު ގެއްލުމެއްދީފައި ވަނީ ކެންޑީއަށެވެ. ގެއްލުންދިން 11 މިސްކިތުގެ ތެރޭން ނުވަ މިސްކިތް ހުންނަނީ ކެންޑީގަ އެވެ.
ލަންކާގެ އާބާދީގައި 21 މިލިއަން މީހުން ހިމެނޭއިރު، %75 އަކީ ސިންގަޅައިންނެވެ. ސިންގަޅަ އާބާދީގެ ބޮޑު ނިސްބަތަކީ ބުދިސްޓުންނެވެ.