ބަންގްލަދޭޝްގައި 19 މީހަކަށް މަރުގެ ހުކުމް އިއްވައިފިއެވެ.

2004 ވަނަ އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން 19 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވި އިރު މީގެ ތެރޭގައި ކުރީގެ ދެ ވަޒީރަކު ވެސް ހިމެނެއެވެ.

މި މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ ދަން ޖައްސައިގެންނެވެ. 19 މީހަކު މެރުމަށް މި ހުކުމްތައް އައިސްފައި މިވަނީ މި އަހަަރުގެ ފަހުކޮޅު ބާއްވާ އާއްމު އިންތިޚާބުގެ ކުރިންނެވެ.

2004 ވަނަ އަހަރު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރަކަށް ޝެއިޚް ހަސީނާ ހުންނަވައި އެކަމަނާގެ އަވާމީ ލީގް ޕާޓީން ޑާކާގައި ކުރިޔަށްގެންދިޔަ އެއްވުމަކަށް އަމާޒުކޮށް ވަނީ ގްރެނޭޑް ހަމަލާތަކެއް ދީފައެވެ.

މި ހަމަލާއިން ހަސީނާ ހަނިގޮތަކަށް ސަލާމަތްވެ ވަޑައިގެންނެވީ އެކަމަނާގެ ޕާޓީގެ ލީޑަރުންނާއި މެމްބަރުން އެކަމަނާ ވަށާލުމުންނެވެ. އެ ހާދިސާގައި އަވާމީ ލީގުގެ އިސް ލީޑަރެއް ކަމަށްވާ އައިވީ ރަހްމާން ހިމެނޭ ގޮތުން 20 މީހަކު މަރުވިއެވެ.

ބޮޑުވަޒީރު ޝޭޚް ހަސީނާ އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ކުށުގައި މިދިޔަ އޮގަސްޓުމަހު 10 މީހަކަށް މަރުގެ ހުކުމް އިއްވާފައި ވެެއެވެ. އަދި މިދިޔަ މާޗް މަހު ބަންގްލަދޭޝްގައި މިހާރު ވެރިކަންކުރާ އަވާމީ ލީގްގެ މަސްއޫލުވެރިއަކު 2014 ވަނަ އަހަރު މެރުމުގެ ކުށުގައި 39 މީހުން މެރުމަށް އެޤައުމުގެ ކޯޓަކުން ހުކުމްކޮށްފައިވެއެވެ.

ބަންގްލަދޭޝްގައި ފަހަކަށް އައިސް މަރުގެ ހުކުމް ތަންފީޒު ކުރަމުންދާތީ ހުޅަނގުގެ ބައެއް ގައުމުތަކުގެ ފާޑުކިޔުން އެގައުމަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަފްލާ

    މިގައުމައްވުރެ ރަނގަޅު މިމީހުންގެ ދިފާއުގަ ނުނިކުމޭ އެކަކުވެސް މިގައުމަގަ ކުއްވެރިންގެ ދިފާއުގަ ަބަދުވެސް ތެޅިބާލަނީ

  2. ރަނގަޅު

    މާފު ނުލިބިއްޖެނަމަ މަރަށް މަރު އިންސާފުވެރި އިސްލާމުދީނުގައިވާގޮތް