މައްސަލަތައް ގިނަވެ، ބޮއްސުން ލާފައި އޮތް އެއާ އިންޑިއާގެ ފްލައިޓެއް މިއަދު ހެނދުނު އިންޑިއާގެ ޓްރިޗީ އެއާޕޯޓުން އުދުއްސާލި ތަނުން އެއާޕޯޓް ވަށައިގެން ރާނާފައި ހުރި ފާރެއްގައި ޖެހި ގެއްލުންތަކެއް ލިބިއްޖެއެވެ.

130 ފަސެންޖަރުންނާއި، ހަ ކްރޫ އިން ތިބި ފްލައިޓް ފާރުގައި ޖެހި ގެއްލުންތައް ލިބުނު ކަން އެނގުނީ ފްލައިޓް ކޮންމެވެސް ވަރަކަށް ދަތުރު ވެސް ކުރި ފަހުންނެވެ. ފްލައިޓަށް ގެއްލުންތަކެއް ލިބިފައިވާ ކަން އެނގުމުން ވަނީ އަވަހަށް މުމްބާއީގެ އެއާޕޯޓަށް ޑައިވާޓް ކޮށްފައެވެ.

މިހާރު ފްލައިޓް ރައްކާތެރިކަމާއި އެކު މުމްބާއީގައި ޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިފްލައިޓް ދުއްވަން ތިބީ 6500 ގަޑިއިރަށް ވުރެ ގިނަ ގަޑީގެ ތަޖުރިބާ ލިބިފައިވާ ކެޕްޓަނަކާއި ޕައިލެޓެކެވެ. ދެމީހުން މިހާރު ވަނީ މައްސަލައިގެ ތަޙްޤީޤު ނިމެންދެން ސަސްޕެންޑް ކޮށްފައެވެ.

މިހާދިސާ ދިމާވީ އެއާ އިންޑިއާގެ 737 ފްލައިޓަކަށެވެ. އެއީ ދުބާއީ އަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް ފްލައިޓެކެވެ.

އެއާ އިންޑިއާ އިން ބުނީ ފްލައިޓްގެ ދަތުރު ފެށިއިރު ފްލައިޓްގެ ހުރިހާ ސިސްޓަމްތަކެއް ވެސް ރަނގަޅު ކަމަށާއި ކަމާބެހޭ އިދާރާތަކުން ކުރަމުން ގެންދާ ތަޙްޤީޤަށް އެއާ އިންޑިއާ އިން އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އެއާ އިންޑިއާ އަށް 2007 ވަނަ އަހަރުން ފެށިގެން ފައިދާއެއް ނުވެއެވެ. އެއާލައިންގެ ޕައިލެޓުން ހަދަމުން ގެންދާ ގޯސްތަކުގެ ސަބަބުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވެސް ބޮޑު ހަތަރު ހާދިސާއެއް ހިނގާފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ނުނިމި އޮތް ރަންވޭ އެއްގައި ފްލައިޓެއް ޖެއްސި ހާދިސާ ވެސް ހިމެނެއެވެ.

އެއާ އިންޑިއާގެ ހިއްސާ ވިއްކާލަން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އެއްވެސް އިންވެސްޓަރެއްގެ ޝައުގުވެރިކަން އެކަމަށް ނުލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮންދު

    ކުންފުނި ބަނގުރޫޓުން ސަލާމަތްކުރަން މޮޅުގޮތެއް. ގެރިމަސް ވިއްކަންފަށާ. ވެދުން.

  2. ޜރ

    ކޭޝްފުލޯ ރަގަޅުކުރަން ބޯޓުތަކެއް ވިއްކާލަންވީ.

  3. ޔާނު

    އަދިވެސް ދިވެހިރާއްޖޭގެ ދާހިލީ ކަންކަމާއި ބެހެވޭތޯ ބަލާ