އެމެރިކާގެ ބައެއް ހިސާބުތަކަށް މިހާރު އަރަމުންދާ ތޫފާން، މައިކަލްގެ ސަބަބުން ގިނަ ގެއްލުންތަކެއް އެޤައުމުގެ ބައެއް ސަރަހައްދުތަކަށް ދަނީ ލިބެމުންނެވެ. މީގެ ތެރެއިންވެސް މިތޫފާނުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެމެރިކާގެ ފްލޮރިޑާގެ މެކްސިކޯ ބީޗް ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށެވެ.

މެކްސިކޯ ބީޗްގެ ބޮޑު ބައެއް މި ތޫފާނުގެ ސަބަބުން ހަލާކުވެފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބޭރުގެ ނޫސްތަކަށް އެމީހުންގެ އިޙްސާސްތަކާއި ކުރެވުނު ތަޖުރިބާތައްވަނީ ކިޔައިދީފައެވެ. މިގޮތުން އުމުރުން 25 އަހަރުގެ ކިންބާލީ ކެނެޑީ އޭނާގެ ކައިވެންޏަށް ކުރި ހުވަފެންތައް ބީބީސީއަށް ދިން އިންޓަރވިއުއެއްގައި ހިއްސާކޮށްފައިވެއެވެ.

"އެންމެ ފަހުގެ ތައްޔާރީތައް ކޮށްކޮށް ތިއްބާ ތޫފާންގެ ވާހަކަ އަޑުއިވުނީ. ހިއެއް ނުކުރަން އެހާ ބޮޑުވާނެ އެކޭ." މިމަހު 20 ވަނަ ދުވަހު ކައިވެނި ކުރަން ތައްޔަރުވަމުން ދިޔަ ކިންބާލީ ބުންޏެވެ.

ކިންބާލީ ބުނެފައިވަނީ އޭނާގެ ކައިވެންޏަށް ބޭނުންވާ ހުރިހާ ސާމާނު ގޭގައި ގަނެފައިވާ ކަމަށާއި ނަމަވެސް ކުއްލި ހާލަތުގައި ރައްކާތެރި ހިސާބުތަކަށް އެމީހުން އައިސްފައިވާ ކަމަށެވެ.

"ވަރަށް ކުއްލިއަކަށް އެހެން ހިސާބަކަށް ދާން އެންގީ. ކައިވެނީގެ ހުރިހާ މުދަލެއް، ކައިވެނީގެ ހެދުން ކަހަލަ އެއްޗެހި ހުންނާނެ ގަނެފައި ގޭގައި." ކިންބާލީ ބުންޏެވެ.

ކިންބާލީ އިތުރަށް ބުނެފައިވަނީ އޭނާގެ ކައިވެނި ކުރަން ނިންމާފައިވަނީ ޕޯޓް ޖޮއީ ނަމަކަށް ކިޔާ ޤަދީމީ ބިނާއެއްގައި ކަމަށާއި ނަމަވެސް ވީޑިއޯތަކުން ފެންނަ ގޮތުން މިބިނާ ވަރަށް ބޮޑަށް ހަލާކު ވެފައިވާ ކަމަށެވެ.

ތޫފާން މައިކަލްގައި 155 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭ ވެހިފައިވާއިރު، މިހާރު ތޫފާންގެ ބާރު ދަށްވެފައިވާ ކަމަށް އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރއިން ހާމަކުރެއެވެ.