ވޮޝިންޓަން ޕޯސްޓްއަށް ލިޔަމުން ދިޔަ، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ ވަނީ މަރާލާފައި ކަމަށާއި ނޫސްވެރިޔާ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލި ކަމުގެ ސާފު ހެކި އެބަހުރި ކަމަށް ތުރުކީއިން ހާމަކޮށްފިއެވެ.

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި ނޫސްވެރިޔާ ޚާޝިގީ މަރާލާފައިވާ ކަމަށް މީގެ ކުރިން ތުރުކީއިން ތުހުމަތު ތަކެއް ކުރި ކަމުގައިވީނަމަވެސް، މިއަދު ވޮޝިންޓަން ޕޯސްޓްގައި ޝާއިރުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ތުރުކީއިން އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް ސައުދީއިން ނޫސްވެރިޔާ މަރާލާފައި ކަމުގެ ޔަޤީންކަން ދީފައިވާ ކަމުގައި ބުނެފައިވެއެވެ. އަދި ނޫސްވެރިޔާ މަރާލި ކަމަށް ސާބިތުވާނެ ވީޑިއޯ އަދި އޯޑިއޯ ހެކި އެބަހުރި ކަމަށް ތުރުކީއިން ބުނެފައިވާ ކަމަށްވެސް ވޮޝިންޓަން ޕޯސްޓްގައި ބުނެފައިވެއެވެ.

ވޮޝިންޓަން ޕޯސްޓްގައި ބުނެފައިވަނީ ޚާޝިގީ އާ ސުވާލުކޮށް އަދި އަނިޔާކޮށްފައިވާ އަޑު ހިމެނޭ އޯޑިއޯއެއް ތުރުކީގެ ކަމާބެހޭ އިދާރާތަކުން ހޯދާފައިވާ ކަމަށެވެ. އަދި އިތުރު ފޯން ކޯލްތަކެއްގެ ރިކޯޑިންވެސް ހޯދާފައިވާ ކަމަށެވެ.

ތުރުކީއިން މީގެ ކުރިން ބުނެފައިވަނީ ޚާޝޮގީ ކޮންސިއުލޭޓަށް ދިޔަ ދުވަހު ވަނީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސައުދީ ޓީމެއް އިސްތަންބޫލަށް ގޮސްފައެވެ. ނަމަވެސް މިއީ ކޮންކަމަކު ދިޔަ ބައެއް ކަމެއް އަދި ކޮން ބޭނުމަކު ދިޔަ ބައެއް ކަމެއްވެސް އަދި ސާފުވާގޮތްވަނީ ނުވެފައިވާ ކަމަށް ތުރުކީއިން މީގެ ކުރިން ބުނެފައިވެއެވެ. ބައެއް ނޫސްތަކުން ސަރުކާރުގެ ފަރާތްތަކާ ހަވާލާދީބުނެފައިވަނީ ތުރުކީއަށް ދިޔަ 15 މީހުންގެ ތެރޭގައި، ސައުދީގެ ޝާހީ ބޮޑީގާޑަކާއި ސިފައިންގެ މީހަކާއި އިންޓެލިޖެންސްގެ މީހެއްގެ އިތުރުން، އޮޓޯސްޕީއަށް ޚާއްސަ ޑޮކްޑަރއް ހިމެނޭ ކަމަށެވެ.

ޖަމާލް އަހުމަދު ޚާޝޮގީ އަކީ އަމިއްލައަށް ތުރުކީއަށް އަރުވާލެވިގެން ހުރި މީހެކެވެ. މިމީހާ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ސައުދީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް އޭނާ ލިޔަމުން ގެންދިޔަ ނޫސް ހުއްޓުވާލުމަށް ފަހު އޭނާއާއެކު މަސައްކަތް ކުރި މީހުން ޖަލަށް ލުމާއި ގުޅިގެންނެވެ.