އެޓްލާންޓިކް ކަނޑުގައި ބާރުގަދަ ތޫފާނެއް އުފެދިއްޖެއެވެ.

ލެސްލީގެ ނަމުން ނަންދީފައިވާ މި ބާރުގަދަ ތޫފާން މިހާރު ޔޫރަޕްގެ ދެގައުމެއް ކަމަށްވާ ޕޯޗްގަލް އާއި ސްޕެއިން އަށް މިސްރާބް ޖަހާފައިވާއިރު މި ހަފްތާގެ ތެރޭގައި މި ތޫފާން މި ދެގައުމަށް އަރާނެ ކަމަށް ބެލެވެއެވެ.

ތޫފާން ލެސްލީ އެޓްލާންޓިކް ކަނޑުގައި އުފެދެން ފެށީ މިދިޔަ މަހު 23 ވަނަ ދުވަހުއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި ތޫފާން އަދިވެސް ދަނީ ބާރުގަދަ ވަމުންނެވެ.

ތޫފާން ލެސްލީ ކެޓެގަރީ އެކެއްގެ ތޫފާނަކަށް ބަދަލުވެފައިވާއިރު ތޫފާނުގެ އަސަރު މިހާވެސް ޕޯޗްގަލް އަށް ވަނީ ކުރަން ފަށާފައެވެ. މިއީ ޕޯޗްގަލް އަށް 176 އަހަރު ތެރޭ އަރާނެ އެންމެ ބާރުގަދަ ތޫފާން ކަމަށް ދަނީ ބެލެވެމުންނެވެ.

އެޓްލާންޓިކް ކަނޑު ހިމެނޭ ސަރަހައްދަނީ ކޮންމެ އަހަރެއްގެ ނިންމޭ ހިސާބުގައި ބާރުގަދަ ތޫފާން އުފެދޭ ސަރަހައްދެކެވެ. ތޫފާން ލެސްލީގައި ސަބަބުން ބޮޑެތި ރާޅުތަކެއް ވަނީ ބަހާމާސް އަދި ބާމިއުޑާ ހިމެނޭ ޖަޒީރާ ރަށްތައް ކައިރީ ވަނީ އުފެދިފައެވެ.

މި ދިޔަ މަހުގެ މެދުތެރޭގައިވެސް އެޓްލާންޓިކް ކަނޑުގައި އުފެދުނު އާދަޔާއި ހިލާފް ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ އެމެރިކާގެ އިރުމަތީ ސަރަޙައްދުތަކަށް ވަނީ އަރާފައެވެ.

"ފްލޮރެންސް" ގެ ނަމުން ނަންދީފައިވާ އެ ތޫފާނަކީ މިއަހަރުގެ މިހާތަނަށް އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވިފައިވާއިރު އިގިރޭސި ވިލާތަށް ބާރުގަދަ ތޫފާނެއްގެ ނުރައްކާ ކުރިމަތިވެފައި މިވަނީ، މިދިޔަ އަހަރު ތެރޭގައިވެސް އެގައުމަށް ބާރުގަދަ ތޫފާނެއް އަރާފައި ވަނިކޮށެވެ. އެ ތޫފާނުގެ ސަބަބުން އިގިރޭސިވިލާތުގެ ބައެއް ސަރަހައްދު ތަކުގައި ވަނީ ފެންބޮޑުވެ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.