އަރަބި ކަނޑުގައި މި މަހު ކުރީކޮޅު އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ އޮމާން އަށް އަރަން ތައްޔާރުވެއްޖެއެވެ.

މި ތޫފާން މިހާރު ހުރީ އޮމާންގެ ސަލާލަހް ސިޓީގެ ދުރުން 240 ކިލޯމީޓަރު ދުރުގައެވެ. ތޫފާން އާއި ގުޅިގެން އޮމާންގެ ޕަބްލިކް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން އިން ވަނީ ހަވަނަ އެލާޓެއް ނެރެފައެވެ.

މި ތޫފާން މިހާރު އިތުރަށް ބާރުގަދަވެ ކެޓެގެރީ އެކެއްގެ ތޫފާނަކަށް ބަދަލުވެފައިވާއިރު އޮމާންގެ އިސްކޫލުތަށް ރައްކާތެރިވުމުގެ ގޮތުން މިހާރުވަނީ ބަންދުކޮއްފައެވެ.

ތޫފާން "ލުބާން" އަރަބި ބައެއް ޤައުމުތަކަށް މިސްރާބު ޖަހަމުންދާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އޮމާން އަށް ކަމަށް ވަނީ ބެލެވިފައެވެ. މި ސަބަބަށްޓަކައި އޮމާންގެ ހުޅަނގު އައްސޭރީގެ ސަރަޙައްދުތަކުގައި މިހާރު ވަނީ ކުއްލި ޙާލަތުވެސް އިއުލާނުކޮށްފައެވެ.

މި ތޫފާނުގައި ގަނޑިއަކު 145 ކިލޯ މީޓަރު މިނުގައި ވައިޖެހެމުންދާއިރު އޮމާންގެ ޕަބްލިކް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން އިން ވަނީ ކުރިއަށް އޮތް ގަނޑިތަކުގައި ވެސް ތޫފާނާއި ގުޅިގެން ވައިގަދަވެ ވިއްސާރަ ވާނެތީ އޮމާންގެ ދޮފަރ ސިޓީގެ ރައްޔިތުން ސަމާލުވުމަށް އަންގާފައެވެ.

އޮމާން އަށް ބާރުގަދަ ތޫފާނެއް މިސްރާބު ޖަހާފައިވާއިރު މިދިޔަ މެއި މަހު ވަނީ ބާރުގަދަ "ތޫފާން މެކުނު" ގައި އެގައުމަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. ކެޓެގަރީ ދޭއްގެ މި ތޫފާން ގައި އެޤައުމުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

މިއީ 1959 ވަނަ އަހަރަށް ފަހު އޮމާނަށް އަރާ އެންމެ ބާރުގަދަ ތޫފާން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމް

    ދުނިޔޭގައި ބިން ހެލުމާއި ޠޫފާންތައް ޢާއްމު ވަނީ. އިންސާނުން ޢިބްރަތް ލިބިގަނެ ރިޝްވަތާއި މުންކަރާތްތަކުން ދުރުވާނީ ކޮން އިރަކުބާ؟ ޢުމުރުން 80 އަށް ވުރެ މައްޗަށް ދިޔައިމާ ވެސް އާޚިރަތް ހަނދާން ނައްތާލައި ޣައިރު މުސްލިމުންގެ އަވާގައި ޖެހިގެން މުންކަރާތްތަކާ ބަގުޑިބައްދާތީ ހިތާމަ ހުއްޓެވެ.