އިންޑޮނޭޝިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 27 މީހުން މަރުވެއްޖެއެވެ.

ބާރުގަދަ ބިންހެލުމަކާއި ސުނާމީއަކުން މުޅިން އަރައިނުގަނެވި އުޅެނިކޮށް އިންޑޮނޭޝިއާގެ ސުމަޓްރާއަށް ބޯކޮށް ވާރޭ ވެހި، ހިނގި ކިސަޑު ފޭބުމާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 27 އަށް އަރާއިރު މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދިންވެސް ހިމެނެއެވެ.

މީގެ އިތުރުން 29 ކުދިން އަދިވެސް މީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މި ކުދިން ގެއްލުނީ އެ ކުދިން ކިޔަވަން ތިބި ކުލާސް ރޫމަށް ކިސަޑު ފައިބައި ވަޅުލެވުމުގެ ސަބަބުންނެވެ.

ކިސަޑު ފޭބުމާއި، ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯކޮށް ވާރޭ ވެހި، ހިނގި ހާދިސާތަކުގައި ސުމަޓްރާއިން 500 އަށްވުރެ ގިނަ ގެއަށް ވަނީ ގެއްލުން ލިބިފައެވެ.

މީހުން ސަލާމަތް ކުރާ ފަރާތްތަކަށް މަގުތައް ހަލާކުވެފައި ހުރުމުން ފަރުބަދަ މަތީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

އިންޑޮނޭޝިއާށް ބޯކޮށް ވާރެވެހި ވިއްސާރަވަމުންދާއިރު މި މަހު ކުރީކޮޅު ރެކްޓަރ މިންގަޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމާއިއެކު އުފެދުނު ސުނާމީގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް މަރުވެފައިވާ އެތައް ބަޔަކު ތިބޭނެ ކަމަށް ލަފާކުރެވެއެވެ. ބިންހެލުމާއި ސުނާމާއީއާއި ގުޅިގެން މަރުވި މީހުންގެ އަދަދު 2000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ސީރިއަސް އަނިޔާ ލިބިފައިވާ މީހުންގެ އަދަދު 5000 އަށްވުރެ މައްޗަށް އަރައެވެ.

ބިންހެލުމާއި ސުނާމީގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ވެސް ދޮޅުލައްކަ އަށް ވުރެ ގިނައެވެ.