ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި މަންޒަރު ވީޑިއޯ ކުރެވި އަޑު ރެކޯޑް ކުރެވިފައިވާ ކަމަށް ތުރުކީގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އޮކްޓޯބަރ މަހުގެ 02 ވަނަ ދުވަހު ގެއްލުނު ޚަޝޯގީގެ އަތުގައި އަޅާފައި އޮތް އެޕަލް އައިވޮޗަށް ވަނީ ހުރިހާ އެއްޗެއް ރެކޯޑް ކުރެވިފައި ކަމަށް ތުރުކީގެ ނޫހެއް ކަމަށްވާ "ޑެއިލީ ސަބާހް" އިން ބުނެއެވެ.

އެނޫހުގައި ބުނެފައިވާ ގޮތުގައި ޚަޝޯގީ ސައުދީގެ ކޮންސިއުލޭޓަށް ވަނީ ކޮންސިއުލޭޓްގެ ބޭރުގައި ހުރި އޭނާގެ ލޯބިވެރިޔާގެ އަތައް އޭނާގެ މޯބައިލް ފޯނު ދީފައެވެ. އެފޯނާއި، ޚަޝޯގީގެ އަތުގައި އޮތް އައިވޮޗް ވަނީ ސިންކޮރޮނައިސް ކޮށްފައި ކަމަށާއި ޚަޝޯގީ ކޮންސިއުލޭޓަށް ވަނީ ގަޑީގެ ރެކޯޑިން އޮންކޮށްގެން ކަމަށް ތުރުކީގެ ނޫހުގައި ބުނެފައި ވެއެވެ.

ނޫހުގައި ބުނެފައިވާ ގޮތުގައި ޚަޝޯގީގެ އަތުގައި އޮތީ އެޕަލްގެ ގަޑިއެއް ކަމާއި، އެގަޑިން ވީޑިއޯ ކުރެވި، ރެކޯޑް ކުރެވޭނެ ކަން އެނގުމުން ޚަޝޯގީ އަށް އަނިޔާ ކުރި މީހުން ވަނީ ގަޑީގެ ލޮކް ކޯޑް ޖަހައިގެން ގަޑި ހުޅުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމީހުންނަށް ގަޑި ނުހުޅުވުނު ކަމަށް ނޫހުގައި ވެއެވެ.

"ޑެއިލީ ސަބާހް" ނޫހުގައި ހުރި ވާހަކަތައް ރަސްމީ ފަރާތަކުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

ޚަޝޯގީ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެމައްސަލަ ތަޙްޤީޤު ކުރުމުގެ މަސައްކަތް ތުރުކީ އިން ކުރަމުން ގެންދާއިރު ޚަޝޯގީ ވަނީ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައި ކަން ސާބިތުވާ ވަރުގެ ހެކި ލިބިއްޖެ ކަމަށް ވެސް ތުރުކީގެ ބައެއް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ބުނެއެވެ.

ޚަޝޯގީ އަކީ ސައުދީ އަރަބިއްޔާގެ ވެރިކަމާއި ދެކޮޅަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓްގައި ކޮލަމެއް ލިޔަމުން އައި ނޫސްވެރިއެކެވެ.