ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓް، ކޭއެފްސީއަށް ގްރޭވީ ތައްޔާރު ކުރުމަށް ބޭނުންވާ ބައެއް ތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިވެ، ބައެއް ރެސްޓޯރެންޓްތަކުގެ މެނޫ އަށް ބަދަލު ގެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގްރޭވީ ލިބުމުގެ ދަތިތަކާއި ކޭއެފްސީއަށް ކުރިމަތިވެފައި މިވަނީ، މީގެ ކުރިން ކުކުޅު ލިބުމުގައި ގިނަ ދަތިތަކާއި ކުރިމަތިވެ ކޭއެފްސީގެ ބައެއް ރެސްޓޯރެންޓުތައް ބަންދުވެސް ކޮށްފައި ވަނިކޮށެވެ.

ނަމަވެސް ކުކުޅު ލިބުމުގައި ކުރިމަތިވި މައްސަލަ ޙައްލުވެ ބަންދުކުރި ރެސްޓޯރެންޓުތަކުގެ ތެރެއިން ގިނަ ރެސްޓޯރެންޓުތައް މިހާރު ހުޅުވާފައިވާއިރު، ބައެއް ރެސްޓޯރެންޓްތަކަށް ގްރޭވީ ލިބުމުގެ މައްސަލަ ފެންމަތިވާން ފަށާފައި މިވަނީ އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފާއިތުވެދިޔަ ދުވަސްތަކުގައި ކޭއެފްސީއަށް މިފަދަ މައްސަލަތަކާއި ކުރިމަތިވަމުން ދަނީ، ކޭއެފްސީއަށް ކުކުޅު ފޯރުކޮށްދޭ ޑެލިވަރީ ކުންފުންޏަށް ކުރިމަތިވި ކަމެއްގެ ސަބަބުންނެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ނުވަތަ ރަސްމީ ބަހެއް އެފަރާތުން ހާމައެއް ނުކުރެއެވެ.

ކޭއެފްސީގެ ބައެއް ރެސްޓޯރެންޓްތަކުން ގްރޭވީ ލިބުން ދަތިވުމާއި ގުޅިގެން މިހާރު އެ ރެސްޓޯރެންޓްތަކުން ވަނީ މެނޫއިން ބައެއް ބާވަތްތައް އުނިކޮށް، "ލިމިޓެޑް މެނޫ"އެއްގެ ދަށުން ކަސްޓަމަރުންނަށް ޚިދުމަތްދޭން ފަށާފައެވެ.