މަރާލައިފައިވާކަމަށް ބެލެވޭ ސައުދީ ނޫސްވެރިޔާ ހޯދުމުގެ މަސައްކަތަށް ތުރުކީގެ ފުލުހުން އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ވަދެއްޖެއެވެ.

ތުރުކީގެ ފޮރެންސިކް ފުލުހުން ކޮންސިއުލޭޓަށް ވަނީ ސައުދީގެ ހުއްދައާއި އެކުއެވެ. މި ތަހުގީގު ޓީމުގައި އިސްކޮށް ހުރި ތުރުކީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްއެވެ.

ތުރުކީގެ ތަހުގީގު ޓީމު ކޮންސިއުލޭޓުން އަދިވެސް ނުކުމެފައެއްނުވެއެވެ. މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ތުރުކީގެ ޕްރޮސިކިއުޓަރުން އަދި ފުލުހުން ކޮންސިއުލޭޓަށްގޮސްފައި ވަނީ ހަ ކާރު ހިމެނޭ މޮޓޮރކޭޑެއްގައެވެ.

ކޮންސިއުލޭޓާއި، ކޮންސުލް ޖެނެރަލްގެ ގެކޮޅާއި، ޑިޕްލޮމޭޓުންގެ ކާރުކޮޅުތައް ވެސް ތަހުގީގު ޓީމުން ބަލާފާސްކުރާނެކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލީ ސައުދީ އަރަބިއްޔާ އިންކަން ސާބިތުވެއްޖެނަމަ އެގައުމަށް ހަރުކަށި އަދަބު ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ހަޝޯގީ ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކޮންސިއުލޭޓުގެ ތެރޭގައި ސައުދީގެ 15 މީހުންގެ ޓީމަކުން ވެގެން އޭނާ މަރާލާފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް މި ވާހަކަތަކައް ސައުދީން އަންނަނީ ދޮގުކުރަމުންނެވެ. ސައުދީން ބުނާގޮތުން ކޮންސިއުލޭޓަށް އައުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ހަޝޯޤީ ވަނީ އެތަނުން ގޮސްފައެވެ.

ކޮންސިއުލޭޓުގެ ތެރޭގައި ނޫސްވެރިޔާ މަރާލާފައިވާ ކަމުގެ ތުހުމަތު ކުރެވެމުންދާއިރު ތުރުކީން އަންނަނީ އެކަމާ ގުޅުންހުރި އޯޑިއޯ އަދި ވީޑިއޯ ހެކި ލިބިފައިވާ ކަމަށްވެސް ބުނަމުންނެވެ.