ޗައިނާގެ ޖައްވީ އިދާރާއެއްގެ ގޮތުގައި މީގެ ކުރިން ބޭނުންކޮށްފައިވާ ބިޔަ ޖައްވީ އުޅަނދެއް ކޮންޓްރޯލް ނުވެ ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް ޖައްވީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައި ވަނިކޮށް، އެ އުޅަނދު ވެއްޓޭނީ އެމެރިކާގެ ސަރަޙައްދަކަށް ކަމަށް އެޤައުމުގެ އެއިރޯސްޕޭސް ކޯޕަރޭޝަނުން ބުނެފިއެވެ.

އެ އިދާރާއިން ބުނެފައިވަނީ ގިނަ ޢަދަދަކަށް ވިހަ މާއްދާއާއި އެކު މިހާރު ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ބޭރުން ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ މި ބިޔަ ޖައްވީ އުޅަނދު ވެއްޓޭނީ، އެމެރިކާގެ ހުޅަނގުން މެދދުތެރޭގައި އޮންނަ ސްޓޭޓެއް ކަމަށްވާ މިޗިގަންއަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

2016 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ކޮންޓްރޯލް ގެއްލުނު ޖައްވީ އުޅަންދު، "ޓިއެންގޮންގް-1" ދުނިޔެއަށް ވެއްޓޭނެ ކަމަށް ބެލެވިފައިވަނީ މިމަހުގެ 29 އާއި އަންނަ އެޕްރީލް މަހުގެ 9 އާއި ދެމެދުގެ ދުވަހެއްގައެވެ.

ބަރުދަނުގައި 8.5 ޓަނު ހުންނަ، އަދި އޭގައި ވިހަ ކެމިކަލްތަކާއި އެނޫންވެސް އެފަދަ މާއްދާތައް ހުރި މި އުޅަނދު ވެއްޓޭނެ ކަމަށް ކުރިންވެސް އެންމެ ބޮޑަށް ބެލެވުނު ސަރަޙައްދުތަކުގެ ތެރޭގައި އެމެރިކާ ސަރަޙައްދު ހިމެނެއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި، ޖައްވީ އުޅަނދެއް ނުވަތަ ސެޓެލައިޓެއް ދުނިޔެއަށް ވެއްޓުމަކީ ކުރިންވެސް ހިނގާފައިވާ ކަންކަން ކަމަށާއި، އެތަކެތީގެ ބޮޑުބައި ދުނިޔޭގެ ވައިގެ ފަށަލަތަކަށް ވަނުމާއި އެކު އަނދައި އަޅިއަށްވެގެންދާ ކަމަށެވެ.

ނަމަވެސް "ޓިއެންގޮންގް-1"އަކީ މީގެ ކުރިން ދުނިޔެއަށް ވެއްޓިފައި ނުވާހައި ބޮޑު އަދި ބިޔަ ސްޓޭޝަނެއް ކަމުން، އުޅަނދުގެ 10 އާއި 40 އިންސައްތަ ދުނިޔޭގެ ކޮންމެވެސް ސަރަޙައްދެއްގައި ޖެހޭނެ ކަމަށް ބެލެވެއެވެ. އަދި މިބައިތައް ދުނިޔެއަށް ވެއްޓޭނީ އާދަޔާއި ޚިލާފަށް ބާރުމިނުގައި ކަމަށް ބެލެވިފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި "ޓިއެންގޮންގް-1" ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހަމުން އައީ، ހަފްތާއަކު 1.5 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ހޯދި މަޢުލޫމާތުން އެނގިފައިވަނީ، ހަފްތާއަކު 6 ކިލޯމީޓަރަށް އެ ދުވެލި އިތުރުވެފައިވާ ކަމެވެ. ދުނިޔޭގެ ވައިގެ ފަށަލަތައް ހުރަސްކުރުމަށްފަހު، ބިމަށް ދަމާ ބާރާއި އެކު މި ބާރުމިން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.