އޮސްޓްރޭލިއާގެ އެމްބަސީ ވެސް ގުދުސް އަށް ބަދަލު ކުރުމަށް ވިސްނަމުންދާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

އިސްރާއީލިގެ ވެރިރަށަކީ ގުދުސް ކަމަށް އޮސްޓްރޭލިއާ އިން ބަލައިގަނެ ތެލް އަވީވުގައި ހުރި އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ނިންމީ އިސްރާއީލުގެ ވެރި ރަށަކީ ގުދުސް ކަމަށް ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމުމާ ގުޅިގެންނެވެ.

އޮސްޓްރޭލިއާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކެބިނެޓާ މަޝްވަރާ ކުރާނެ ކަމަށާއި އަދި އެ ކަމުގައި ގައުމުތަކުގެ ޚިޔާލު ހޯދާނެ ބޮޑުވަޒީރު މޮރިސަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އިން ވަނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފަ އެވެ. ހަމައެހެންމެ، މިކަމުގެ ސަބަބުން ފަލަސްތީނަށް މިނިވަން ދަޢުލަތެއްގެ މަޤާމު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހިޔަނި އެޅިފައެވެ.

އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރިއިރު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން އަންނަނީ ހަމަލާތައް ދެމުންނެވެ. ޝަހީދުކޮށްފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އެތައް އަހަރެއް ވަންދެން އެމެރިކާ އިން ހިފަހައްޓަމުން އައި ބައިނަލްއަޤުވާމީ އުސޫލުތަކާއި އެނޫންވެސް ހަމަތައް ފޫ އަޅުވާލުމަށްފަހު، އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް، ޓްރަމްޕް ނިންމި ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވެއެވެ.

ހަމައެހެންމެ، ދުނިޔޭގެ އެހެން ބިޔަ ބާރުތަކުންނާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އިންވެސް، މި ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޙހ

  2. އާންމު އާދުމީ

    ކުރޭ ކުރޭ. އޭރުންތާ ހުރިހާ ޔަހޫދީންނާ ޔަހޫދީންގެ ވާގިވެރިން އެއްތަނަކުން ފަނާވާނީ ޢީސާ ޢަލައިހިއްސަލާމް ފާޅުވީމަ. ނަޝީދުގެ ކޭމްޕުވެސް އެތާނގަ ޖަހަން ފެންނަނީ.