ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު ވަނީ ކުދިކުދިކޮށް ކޮށާލުމަށް ފަހު ނައްތާލާފައި ކަމަށް ތުރުކީގެ އޮފިޝަލަކާއި ހަވާލާދީ "ސީއެންއެން" އިން ބުނެފިއެވެ.

ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ހަޝޯގީ މަރާލާފައިވާ ކަމުގެ ހެކި ތުރުކީ ފުލުހުންނަށް ލިބިފައިވާ ކަމަށް "ނިއުޔޯކް ޓައިމްސް" ވެސް ބުނެއެވެ. އަދި "އޭޕީ" އިން ވެސް ވަނީ ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކާއި ހަވާލާދީ ހަޝޯގީގެ މަރާއި ގުޅޭ ހެކިތައް ކޮންސިއުލޭޓުން ފުލުހުންނަށް ލިބުނު ކަމަށް ބުނެފައެވެ. ތުރުކީ ފުލުހުން ވަނީ މިއަދު ނުވަ ގަޑިއިރު ވަންދެން ސައުދީ ކޮންސިއުލޭޓް ފާސްކޮށްފައެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން ވިދާޅުވީ ސައުދީ ކޮންސިއުލޭޓްގެ ތެރެއިން ވިހައެއްގެ އަސަރު ފުލުހުންނަށް ފެނުނު ކަމަށެވެ. އަދި ދަވާދު އާކޮށްފައިވާ ބައެއް އެއްޗެހި ވެސް ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މިމައްސަލަ އާއި ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ވަރަށް އަވަހަށް ޖަވާބު ލިބޭނެ ކަމަށް. ސަބަބަކީ ތަޙްޤީޤަށް ލިބިފައިވާ ކުރިއެރުންތަކަކީ މައްސަލައިގެ އަސްލަށް ވާސިލް ވުމަށް ލިބުނު ބޮޑު އެހީއަކަށް ވާތީ." އުރުދޮގާން ވިދާޅުވިއެވެ.

ތުރުކީގެ އޮފިޝަލުން ނަން ހާމަނުކުރަން އެދި މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނި ޚަޝޯގީ މަރާލާފައި ވަނީ އޮކްޓޯބަރ 02 ވަނަ ދުވަހު އެވެ. އެއީ އޭނާ ކޮންސިއުލޭޓަށް ވަންތާ އިރުކޮޅެއް ފަހުންނެވެ.

ސައުދީ އަރަބިއްޔާ އިން މިހާރު ތައްޔާރު ވަމުން ދަނީ ކޮންސިއުލޭޓްގައި ޚަޝޯގީ "މަރާލެވުނު ކަމަށް" އެއްބަސްވާން ތައްޔާރު ވަމުން ކަމަށް ވެސް ބައެއް އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ބުނެއެވެ. ނަމަވެސް އެއީ އަދި މުޅިން ކަށަވަރު ޚަބަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު