ބައިނަލްއަޤުވާމީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް އެމެރިކާ ޑޮލަރު ބޭނުން ކުރުން ވެނެޒުއޭލާ އިން ހުއްޓާލައިފިއެވެ.

އަބަދުވެސް އެމެރިކާ އާއި ގުޅުން ގޯސް ވެނެޒުއޭލާ އިން އެމެރިކާ ޑޮލަރު ބޭނުން ކުރުން ހުއްޓާލިކަން އިއުލާން ކޮށްފައި ވާއިރު އެގައުމަށް ވަނީ އިޤުތިޞާދީ ބޮޑެތި މައްސަލަތައް ދިމާވެފައެވެ. ވެނެޒުއޭލާ ސަރުކާރުން ބުނީ އެމެރިކާ ޑޮލަރުން ބައިނަލްއަޤުވާމީ ވިޔަފާރީގެ މުއާމަލާތްތައް ކުރުން ހުއްޓާލުމަށް ފަހު އެފަދަ މުއާމަލާތްތަކުގައި ދެން ވެނެޒުއޭލާ އިން ބޭނުން ކުރާނީ ޔޫރޯ ކަމަށެވެ.

ވެނެޒުއޭލާގެ އިޤުތިޞާދީ ކަންތައްތަކާއި ބެހޭ ނައިބު ރައީސް ތެރެކް އަލް އަސާމީ ރޭ ދެއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާ ޑޮލަރު ވެނެޒުއޭލާގެ އެއްވެސް ވިޔަފާރީގެ މުއާމަލާތެއްގައި ބޭނުން ކުރުމަކީ ޤާނޫނާއި ހިލާފު ކަމެއް ކަމަށާއި އެމެރިކާ ޑޮލަރުން ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

އެމެރިކާ ޑޮލަރުގެ ބަދަލުގައި ޔޫރޯ ބޭނުން ކުރަން ފަށާއިރު ޔޫރޯގެ އަގު އުފުލިގެން ދިއުން ހުއްޓުމަށް ވެސް ވެނެޒުއޭލާ އިން މިހާރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކުރިއަށް އޮތް ނޮވެމްބަރ މަހާއި ޑިސެމްބަރ މަހު ބޭންކްތަކަށް ދެބިލިއަން ޔޫރޯ ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވެރިކަމުން ދުރުކުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތައް އެމެރިކާ އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމެރިކާ އިން ވަނީ މިދިޔަ އަހަރު ވެނެޒުއޭލާ އާއި ދެކޮޅަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތަކުގެ ސަބަބުން ވެނެޒުއޭލާގެ ސަރުކާރުގެ ތެޔޮ ކުންފުންޏަށް ބައިނަލްއަޤުވާމީ ވިޔަފާރިތައް ކުރުމުގައި ދަނީ ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

ވެނެޒުއޭލާގެ އިޤުތިޞާދު ދަށްވެ، ތަކެތީގެ އަގު އުފުލެމުން ދާތީ މިއަހަރު ވެސް 2.3 މިލިއަން މީހުން ވަނީ ގައުމު ދޫކޮށް އަވައްޓެރި ކޮލަމްބިއާ، އިކުއެޑޯ، ޕެރޫ އަދި ބްރެޒިލަށް ހިޖުރަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕެޓްރޯ ޑޮލަރ

    މުސްލިމު ގައުމު ތަކުން އަދި ހާއްސަކޮށް އެމެރިކާ އަށް ތެޔޮ ވިއްކާ މުސްލިމް ގައުމު ތަކުން އެމެރިކާ އިނދަ ޖައްސާލަން ބޭނުމިއްޔާ އެމެރިކާ ޑޮލަރުން މުއާމަލާތް ކުރުން ހުއްޓާލަންވީ. އެކަމަކު އަރަބި މުސްލިމް ގައުމު ތަކުން އޮތީ އެމެރިކާ އާއި ޑީލް ހަދާފަ.