ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އާއި ގުޅޭ ގޮތުން އަދި ހުރީ ހަމައެކަނި ތުހުމަތުތަކެއް ކަމަށާއި އެހެންކަމުން ވަކި ގޮތަކަށް ނިންމުންތަކެއް ނިންމާ، ވަކި ބައެއްގެ ބޮލުގައި ކުށެއް އެޅުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ ހަޝޯގީ ވަނީ މަރާލާފައި ކަމަށާއި، އޭނާ މަރާލީ ސައުދީ އަރަބިއްޔާ އިން ކަމަށް އެތައް ބަޔަކު ތުހުމަތު ކުރަމުން ދަނިކޮށެވެ. ހަޝޯގީގެ މަރުގެ ފަހަތުގައި އޮތީ ސައުދީ އަރަބިއްޔާ ކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ތުރުކީގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް މީޑިއާ ތަކުން ބުނެފައި ވެއެވެ.

ނަމަވެސް ޓްރަމްޕް މިއަދު "އެސޯސިއޭޓެޑް ޕްރެސް" އަށް ދިން އިންޓަވިއު އެއްގައި ބުނީ "ނިޔާ ކަނޑައެޅޭނީ އެކަށީގެންވާ ވަރަށް ހެކި ލިބިގެން" ކަމަށެވެ. ފުރަތަމަ ކުރަން ޖެހިފައިވާ ކަމަކީ ހަޝޯގީ އަށް ވީގޮތެއް ބެލުން ކަމަށާއި ކުށްވެރިން ހޯދަން ޖެހޭނީ އޭގެ ފަހުން ކަމަށް ޓްރަމްޕް ބުންޏެވެ.

"ކުށެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު އެއްވެސް މީހަކީ ކުށްވެރިއެއް ނޫން. ވަަރަށް ފަހުން އެމެރިކާ އިން ފެނިގެން މިދިޔައީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން އަޅުގަނޑު ހުށަހެޅި ފަނޑިޔާރެއްގެ މައްޗަށް ވެސް ބަޔަކު ތުހުމަތުތަކެއް ކުރަމުން ގެންދިޔަ މަންޒަރު. ކުށެއް ނެތް މީހެއްގެ މައްޗަށް އެތައް ތުހުމަތެއް ކުރި." ޓްރަމްޕް ބުންޏެވެ.

ހަޝޯގީގެ މައްސަލައިގައި ޓްރަމްޕް މީގެ ކުރިން ދެމުން އައި ހަރުކަށި ބަޔާންތަކުގެ ބަދަލުގައި ވަރަށް ފިނިގޮތަކަށް މިއަދު ވާހަކަ ދައްކާފައި މިވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހްމަދު މުހައްމަދު ބިން ސަލްމާނަށް ފޯނުން ގުޅާ، ހަޝޯގީ އާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު އެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވެސް ވަނީ ސައުދީ އަށް ވަޑައިގެން ރަސްގެފާނާއި، ވަލީއަހްދާއި ބައްދަލުކޮށް ހަޝޯގީގެ މައްސަލައިގައި މަޝްވަރާ ކޮށްފައެވެ.

ހަޝޯގީ ގެއްލުނީ އޮކްޓޯބަރ މަހުގެ 02 ވަނަ ދުވަހު އެވެ. ހަޝޯގީ ތުރުކީގެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ރޭ މީޑިއާގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.