ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަވަހާރަކޮށްލަން، އިންޑިޔާގެ ޖާސޫސީ އިދާރާއެއްކަމުގައިވާ "ރިސާޗް އެންޑް އެނާލިސިސް ވިންގް" (ރޯ ނުވަތަ އާރް.އޭ އެންޑް ޑަބްލިއު) އިން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ނޫހަކާ ހަވާލާދީ ލަންކާގެ ނޫހެއްގައި ބުނެފައިވަނީ، ސިރިސޭނާ މިކަން ހާމަކޮށްފައިވަނީ ކެބިނެޓް ބައްދަލުވުމެއްގައިކަމަށެވެ.

އެނޫހުގައި އިތުރަށް ބުނެފައިވަނީ، ކެބިނެޓު ބައްދަލުވުމުގެ ތެރޭގައި ސިރިސޭނާ ވިދާޅުވެފައިވަނީ އިންޑިޔާގެ އިންޓެލިޖެންސް އިދާރާ އިން މި މަސައްކަތް ކުރަމުންދިޔަކަމުގައިވިޔަސް، މިކަމާ ގުޅޭ އެއްވެސް ކަމެއް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އެނގޭކަމަށް ނުބެލެވޭކަމުގައެވެ.

އިންޑިޔާގެ ނޫހުން، ނަން ނުޖެހުމަށް ޝަރުތުކޮށް ބައެއް ކެބިނެޓު މެންބަރުންނާ ހަވާލާދީ ބުނެފައިވަނީ ރައީސް މިކަން ހާމަކުރުމުން، މެންބަރުންނަށްވެސް ލިބުނީ ޝޮކެއްކަމުގައެވެ.

ސިރިސޭނާ އަވަހާރަކޮށްލަން އިންޑިޔާ އިން މަސައްކަތް ކުރަމުންދާ އަޑުތަކެއް އަރާފައި މިވަނީ، ސްރީ ލަންލާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމްސިންހަ، އިންޑިޔާގެ ވެރިރަށް ނިއު ދިއްލީއަށް ފުރަމާނަ ދަތުރެއް ކުރަން އެއް ދުވަހަށް ވެފައިވާ ދަނޑިވަޅެއްގައެވެ. ރަނިލްގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ޚާރިޖީ ގުޅުންތަކާއި، އިންޑިޔާގެ މަދަދާއެކު ލަންކާގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެކުރިންވެސް، ލަންކާގެ ދާޚިލީ ބައެއް ކަންކަމަށް، އިންޑިޔާގެ ރޯ އިން ބާރު ފޯރުވަން މަސައްކަތް ކުރާކަމުގެ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި، އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސާވަނީ، އިންތިޚާބުން ބަލިވީ ރޯގެ އެޖެންޓުންތަކެއް ކުރި ސިއްރު މަސައްކަތްތަކެއްގެ ސަބަބުންކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ، ސިރިސޭނާ އަވަހާރަކޮށްލަން ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އެނގޭ، އިންޑިޔާގެ ރައްޔިތަކުންވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ލަންކާ އިން ހައްޔަރުވެސްކޮށްފައެވެ. ލަންކާގެ ސީއައިޑީ އިން ކުރި ތަހުގީގުގައި، ހަމަލާ އެއް ރޭވިކަން، އިންޑިޔާގެ ކެރެލާއަށް އުފަން މި މީހާއަށް އެނގޭކަމަށް ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުމުގައި މިކަންކަން ހާމަކުރުމުގެ އިތުރުން، ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ވިކްރަމްސިންހަ އާ ދެމެދު ދެބަސްވުންތަކެއްވެސް ހިނގާފައިވެއެވެ. ދެބަސްވުން އުފެދުނީ، އިންޑިޔާގެ އެހީގައި ލަންކާގައި ކުރިއަށް ގެންދާ ބަނދަރު ހެދުމުގެ މަޝްރޫޢަކާ ގުޅިގެންކަމަށްވެސް ވެއެވެ. އަދި، އިއްޔެ ބާއްވަން ހަމަޖެއްސި ސިރިސޭނާގެ ޕްރެސް ކޮންފަރެންސް އެއްވެސް ކެންސަލް ކޮށްފައިވެއެވެ.

އިންޑިޔާގެ ބޮޑުވަޒީރުގެ އޮފީހުގެ ދަށުން އޮންނަ ރޯ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިންޓެލިޖެންސް އިދާރާތަކުގެ ތެރެއިން އެއް އިދާރާއެވެ. އެތައް އަހަރެއް ވަންދެން، ލަންކާގައި، ސިންގަޅައިންނާއި ތަމަޅައިންގެ މެދުގައި ކުރިއަށް ދިޔަ އަހުލީ ހަނގުރާމައިގެ ތެރޭގައިވެސް، ރޯ އިން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔާމިން

    ރައީސް އާއި ބޮޑުވަޒީރު މިއަދުނޫހައްއޮޅުނީތޯ ބޯކަލާކު

  2. ޒަރީނާ

    މަހީކުރީ ސިރިސެނާ ރޭޕްކުރަން އުޅެނީކަމައް، ޖާސޫސުންލައްވާ

  3. ވަހީދު

    އިންޑިއާގެ ޚަރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ އިނގިރޭސިންނާއި އެމެރިކާއިން ބޭނުންވާގޮތަށް.

  4. ޙެހެ

    ކޮންތާކު، ރާއްޖޭގެ ނިިހާނާއި، އަދުރޭ އަދި ތެޔޮ ރިޔާޒް މާ މޮޅުވާނެ

  5. އޯޑަރު

    ތިއިންޑިއާގެ އިންޓެލިޖެންސް އެޖެންސީ އޮތީ އިޒްރޭލާއި އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ އާއި ގުޅިފަ.

  6. ސަލީމް

    މިހާރު ވިސްނި އެގިއްޖެ ރައީސް ޔާމީންގެ ސެކިއުރިޓީ އެހާ ވަރުގަދަކުރީ ކީއްވެކަން.

  7. ހުޅަބި

    އެއްކަލަ ޖާސޫސު ހާލިގޭ ފުރުވާލީ މިކަމާ ގުޅިގެންތަ؟

  8. ކާފަގެ ބަސް

    ތީގެންވެސް އެނގެނީ ސިރިސޭނާ އޭނާގެ ގައުމު އިންޑިއާއަށް ވިއްކާލަން ނުރުހުނުކަން. އެއީވެސް އިންޑިޔާގެ ފަރާތުން ހޮވުނު މީހެއް. އެކަމަކު އޭނާވެސް އޭނާގެ ގައުމު ހިމާޔަތްކުރީތީވެ މިއަދު މިކަންމިފެންމަތިވަނީ. އުއްމީދުކުރަން ވަކި ސިޔާސީ ފިކުރަކަށް ތަބާނުވެ ގައުމުގެ ދިފާޢުގައި މޑޕ ކުދިންކޮޅުވެސް އިންޑިއާއަށް ނުވިކޭނެކަމަށް. މީ ބޮޑު ހުވަފެނެއްކަމަކު، ތިކުދިންގެ ގާތުން ދުނިޔޭގައި ކަންހިނގާގޮތް ރަނގަޅަށް ވިސްނުމަށް އެދެން.