ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް މިދިޔަ މަހުގެ 02 ވަނަ ދުވަހު ވަން ފަހުން އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާ އޭނާ ކުދިކުދިކޮށް ކޮށާލަން ހޭދަވެފައި ވަނީ އެންމެ ހަތް މިނެޓް ކަމަށް ނަން ހާމަކުރަން ބޭނުން ނުވާ ތުރުކީގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޚަޝޯގީ މަރާލަން ހޭދަވީ 7 މިނެޓް ކަމަށް ބުނަނީ އޭނާ މަރާލި ވަގުތު ކަން ހިނގައި ދިޔަ ގޮތް ރެކޯޑް ކުރެވިފައިވާ އަޑު އެހި ކަމަށް ބުނާ ތަޙްޤީޤީ އިދާރާތަކުގެ އޮފިޝަލުންނެވެ. ޚަޝޯގީ ކޮންސިއުލޭޓްގެ ތެރެއަށް ވަން ފަހުން ހިނގާ ދިޔަ ހުރިހާ ކަމެއް އޭނާގެ އަތުގައި އޮތް އައިވޮޗަށް ރެކޯޑް ކުރެވިފައިވާ ކަމަށް ވެއެވެ.

އެރެކޯޑިން އަޑު އެހުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި "ޚަޝޯގީގެ ހުރިހާ ކަމެއް ނިންމާލަން ހޭދަވީ 7 މިނެޓް" ކަމަށެވެ.

ރެކޯޑިން އަޑުއެހި މީހުން ބުނާ ގޮތުގައި ޚަޝޯގީ މަރާލުމުގެ ކުރިން އޭނާ އަށް އަނިޔާ ކުރަން ބަޔަކު މަސައްކަތް ކުރިއެވެ. އަނިޔާ ކުރަން އުޅުމުން ޚަޝޯގީ ވަރަށް ބާރަށް ހަޅޭލެވި ކަމަށާއި އެއަޑު ވެސް ރެކޯޑް ކުރެވިފައިވާ ކަމަށް އެމީހުން ބުނެއެވެ.

ޚަޝޯގީ މަރާލުމުގެ ކުރިން އޭނާގެ ގަޔަށް ކޮންމެވެސް ބާވަތެއްގެ އިންޖެކްޝަނެއް ޖެހި ކަމަށް އެމީހުން ބުނެއެވެ. އޭނާގެ ގުނަވަންތައް ބުރިކޮށް ކުދިކުދިކޮށްލީ ވެސް މަރު ނުވަނީސް ކަމަށް ރެކޯޑިން އަޑުއެހި މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޚަޝޯގީ މަރާލީ ސައުދީ އަރަބިއްޔާ އިން ކަމަށް ބުނެ ކުރާ ތުހުމަތުތައް އެގައުމުން ދޮގު ކުރެއެވެ.

ސައުދީ އަރަބިއްޔާ އިން ވެސް މިހާރު ވަނި ޚަޝޯގީ އަށް ވީގޮތެއް ބަލަން ތަޙްޤީޤު ފަށާފައެވެ. އެތަޙްޤީޤު ފެށީ ރަސްގެފާން ސަލްމާންގެ އަމުރުފުޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާމީނު ބުރޯ

    ރިޅުވާނު ފަކީރަށްވެސް ހެދީ ހަމަ ތިހެންތަ؟

    • ސދ

      ސައުދީ ވެރިކަންވެސް ނިމޭނީ ހަމަ މިހެން. ރައްޔިތުން ނިކުމެ ވެރިން ބޭރުކުރާނެ