ވީނުވީއެއް ނޭނގި ގެއްލުނު ސައުދީގެ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ މަރާލި ކަމުގެ ތުހުމަތު ކުރެވޭ 15 މީހުންގެ ތެރެއިން މީހަކު މަރާލާފައިވާ ކަމަށް ތުރުކީގެ ނޫސްތަކުން ހާމަކޮށްފިއެވެ.

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްއަށް ދިޔަ ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ މަރާލިކަމަށް ތުހުމަތު ކުރެވޭ ސައުދީ ރޯޔަލް އެއަރފޯސްގެ މެޝަލް ސާދު އަލް ބޮސްތާނީ ނަމަކަށް ކިޔާ މީހަކު މަރުވެފައިވަނީ ސައުދީގައި ހިނގި ކާރު އެކްސިޑެންޓްއެއްގައެވެ. ތުރުކީގެ ނޫސްތަކުން ބުނެފައިވަނީ މިއީ ނޫސްވެރިޔާ މަރާލި މައްސަލަ ފޮރުވުމަށް ސައުދީއިން ކޮށްފައިވާ ކަމެއް ކަމަށެވެ.

ތުރުކީއިން މީގެ ކުރިން ބުނެފައިވަނީ ޚާޝޮގީ ކޮންސިއުލޭޓަށް ދިޔަ ދުވަހު ވަނީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސައުދީ ޓީމެއް އިސްތަންބޫލަށް ގޮސްފައެވެ. ނަމަވެސް މިއީ ކޮންކަމަކު ދިޔަ ބައެއް ކަމެއް އަދި ކޮން ބޭނުމަކު ދިޔަ ބައެއް ކަމެއްވެސް އަދި ސާފުވާގޮތްވަނީ ނުވެފައިވާ ކަމަށް ތުރުކީއިން މީގެ ކުރިން ބުނެފައިވެއެވެ. ބައެއް ނޫސްތަކުން ސަރުކާރުގެ ފަރާތްތަކާ ހަވާލާދީބުނެފައިވަނީ ތުރުކީއަށް ދިޔަ 15 މީހުންގެ ތެރޭގައި، ސައުދީގެ ޝާހީ ބޮޑީގާޑަކާއި ސިފައިންގެ މީހަކާއި އިންޓެލިޖެންސްގެ މީހެއްގެ އިތުރުން، އޮޓޯސްޕީއަށް ޚާއްސަ ޑޮކްޑަރއް ހިމެނޭ ކަމަށެވެ. މިއަދު ކާރު އެކްސިޑެންޓްގައި މަރުވެފައިވަނީ މި 15 މީހުންގެ ތެރެއިން މީހެކެވެ.

ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ ސައުދީ ކޮންސިއެލޭޓްގައި މަރާލާފައިވާ ކަމަށް ތުހުމަތު ކޮށްފައިވާއިރު އޭނާ މަރާލާފައިވާ ކަމުގެ ހެކި ހުރި ކަމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ. ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްއަށް ދިޔަ ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ހޯދުމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އިއްޔެވަނީ ސައުދީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ގޮސް 9 ގަޑިއިރުގެ ވަންދެން އެތަން ބަލާފާސްކޮށްފައެވެ.

ޖަމާލް އަހުމަދު ޚާޝޮގީ އަކީ އަމިއްލައަށް ތުރުކީއަށް އަރުވާލެވިގެން ހުރި މީހެކެވެ. މިމީހާ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ސައުދީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް އޭނާ ލިޔަމުން ގެންދިޔަ ނޫސް ހުއްޓުވާލުމަށް ފަހު އޭނާއާއެކު މަސައްކަތް ކުރި މީހުން ޖަލަށް ލުމާއި ގުޅިގެންނެވެ.

މި ނޫސްވެރިޔާއަކީ ސައުދީ އަރަބިއްޔާގެ ވަލީ އަހްދަށާއި ސައުދީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް ލިޔެފައިވާ ނޫސްވެރިއެކެވެ. އަދި އޭނާ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާ ކުރިން ކައިވެނިކުރި ސައުދީ އަންހެން މީހާގެ ވަރީގެ ސެޓްފިކެޓް ހޯދާށެވެ. ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން އޭނާވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދދދދދ

    ތި ނޫސްްވެރި މީހާގެ ހަގީގަތް ވެސް އެނގެން އެބަޖެހޭ. ސަޢޫދީ އަށް ފާޑު ކިޔާ މީހެއް. އެމެރިކާގަ އުޅޭ މީހެއް. ކުރިން އިނދެގެން އުޅުނު މީހާ ވަކި ކޮށްފަ ހުރި މީހެއް. ލޯބިވެރިއަކު ގެންގުޅޭ މުސްކުޅިއެއް. މީ ކޮންފަދަ ކަންތައްގަނޑެއް.

    • ކިޔުންތެރިޔާ

      އެއީ އޭނާގެ އަމިއްލަ ކަމެއް. އޭނާ ކޮންމެ ގޮތަކަށް އުޅުނަސް އިންސާނިއްޔަތުކަން އޮންނަންވާނެދޯ؟ ތި ގެއްލުނު ރިލްވާންވެސް އެއީ އަހަރެން އެއްގޮތަކަށްވެސް ލައިކްވާ މީހެއް ނޫން. އެކަމަކު އޭނާ ގެއްލުވާލައިގެން ނުވާނެ ދޯ. އަޅެ ބުނެބަލަ އޭނާ ގެއްލުވާލައިގެން ލިބުނު ފައިދާއެއް އެކަން ކުރި ބަޔަކަށް؟ އާހިރުގައި ބޯންޖެހޭ ހިތި މާބޮޑުވާނެ!