ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ނޫސްވެރިޔަކު ގެއްލުނު މައްސަލައިގައި އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ގޯސްވެދާނެ ކަމަށް ލަފާކުރެވިފައި ވަނިކޮށް ކުއްލިގޮތަކަށް ސައުދީ އަރަބިއްޔާ އިން އެމެރިކާ އަށް 100 މިލިއަން އެމެރިކާ ޑޮލަރު ދީފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލުން ކަށަވަރު ކޮށްދެއްވާ ގޮތުގައި ސައުދީ އަރަބިއްޔާ އިން މިފައިސާ އެމެރިކާ އަށް ދީފައި ވަނީ ނޫސްވެރިޔާ ގެއްލުނު މައްސަލައިގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ސައުދީ އަރަބިއްޔާ އަށް ވަަޑައިގެން އެގައުމުގެ ރަސްގެފާނާއި ވަލީއަހްދާއި ބައްދަލު ކުރެއްވި ދުވަހު އެވެ.

ސައުދީ އަރަބިއްޔާ އިން އެމެރިކާ އަށް ދިން ފައިސާ އަކީ އެމެރިކާ އިން ސީރިއާގައި އައިއެސް އާއި ދެކޮޅަށް ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިން ފައިސާ ކަމަށް އެމެރިކާ އިން ބުނެއެވެ. މިފައިސާގެ އެހީ އާއި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މައްސަލަ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އެމެރިކާ އިން ބުނެއެވެ.

ނަމަވެސް ހަޝޯގީ ގެއްލުނު މައްސަލަ އާއި ބެހޭ މަޝްވަރާތައް އެމެރިކާ އިން ކުރި ދުވަހު މިފައިސާ ސައުދީ އަރަބިއްޔާ އިން އެމެރިކާ އަށް ހަދިޔާ ކުރުމުން އެމެރިކާގެ މީޑިއާތަކުން ގެންދަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ.

ޚަޝޯގީގެ މައްސަލައިގައި ސައުދީ އަރަބިއްޔާ ކުށްވެރިވާނަމަ އެގައުމާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިން ބުނެފައެވެ.

ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު އެމެރިކާގެ އިޤުތިޞާދު އޮތް ހާލަތައް ބަލާއިރު އެމެރިކާ އިން ސައުދީ އަރަބިއްޔާ އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅެއް ނާޅާނެއެވެ. އެމެރިކާ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ހަތިޔާރު ވިއްކައިގެން ކަމަށް ވާއިރު ސައުދީ އަރަބިއްޔާ އަކީ މިހާރު ވެސް އެމެރިކާ އަތުން އެންމެ ގިނަ އަދަދަކަށް ހަތިޔާރު ގަންނަ އެއްގައުމެވެ. އެހެންކަމުން އެމެރިކާ އިން ސައުދީ އަރަބިއްޔާ އާއި ގުޅުން ކަނޑާލައިފިނަމަ އެކަމުގެ ބޮޑު ގެއްލުމެއް އެމެެރިކާ އަށް ލިބޭނެއެވެ.

ގެއްލުނު ނޫސްވެރިޔާގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ހަރުކަށި ވާހަކަތަކެއް ދެއްކި ނަމަވެސް ފަހުން އޭނާގެ ރާގު ވަނީ ބަދަލު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަ

    މައެއް ނެތް ހަހަހަހަ

  2. އަބޫއަބްލަޣީ

    ހެކިފޮރުވަން.

  3. އަބްދުއްލާ

    ކޮބާ ރިޒްވާން . ކޮބާ ހަސަވްގީ .

  4. ރުޒާނާ ޗޮއްޕަޓު

    އެމެރިކާ ތީ ކޮން ބައެއް ވަކި. މާ ގަދަ ބަޔަކަށް ހަދައިގެން އަހަރުމެންތެރޭ މިއުޅޭ ލާދީނީ ގްރޫޕްގަނޑު އުޅުނަކަސް ކޮރަޕްޝަންގެ ބޮޑު ހާއްޔެއް އެއީ. ހުސް ވަގުން އުޅޭ ތަނެއް. ރޭޕް ކުރުން އިންޑިއާއެކޭ އެެއްވަރު. މީހުން މެރުން އެވަރު. ދައްކާފަ ނުދައްކާނެ ވާހަކައެއް ނެތް.

  5. މިލިޓަރީ

    ސައުދީގެ ވެރިކަން ވައްޓާލަން ޖެހޭ.