ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މިހާރު ވަނީ މަރުވެފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޚަޝޯގީ ވަނީ މަރުވެފައި ކަމަށް މީގެ ކުރިން މީޑިއާތަކުން ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް އެއްވެސް ގައުމެއްގެ ސަރުކާރަކުން ރަސްމީކޮށް އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.

ޚަޝޯގީ ގެއްލުނުތާ ދެހަފްތާ އަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އިއްޔެ ތުރުކީ ފުލުހުން ވަނީ ޚަޝޯގީގެ ހަށިގަނޑު ހޯދަން އިސްތަންބޫލްގެ ބޭރުގައި އޮންނަ ޖަންގައްޔެއް ވެސް ބަލާފައެވެ.

އެއާފޯސް ވަން ގައި ކެމްޕޭން ދަތުރަކަށް ފުރުމުގެ ކުރިން ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ޚަޝޯގީ މަރުވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. ޓްރަމްޕް ބުނީ ޚަޝޯގީ މަރުވެފައިވާކަން ކަށަވަރު ވަނީ އިންޓެލިޖެންސް ރިޕޯޓަކުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

އިއްޔެ ޓްރަމްޕް "ނިއުޔޯކް ޓައިމްސް" އަށް ދިން އިންޓަވިއު އެއްގައި ބުނީ ޚަޝޯގީގެ މަރުގެ ފަހަތުގައި ތިބީ ކޮންބައެއް ކަން ބުނަން އަދި މާއަވަސް ކަމަށެވެ. ޚަޝޯގީގެ މަރުގެ ފަހަތުގައި ތިބީ ސައުދީ އަރަބިއްޔާގެ އެންމެ މަތީފަންތީގެ ވެރިން ކަމަށް މީޑިއާތަކުން ތުހުމަތު ކުރި ނަމަވެސް ޓްރަމްޕް އެކަން ގަަބޫލެއް ނުކުރެއެވެ. ޓްރަމްޕް ބުނާ ގޮތުގައި ހަޤީޤަތް ނުފެންނަނީސް ބައެއްގެ ބޮލުގައި ތުހުމަތެއް ނޭޅުވޭނެއެވެ.

"އަހަރެމެން ވަރަށް އަވަހަކަށް މިކަމުގެ އަސްލާއި ހަމައަށް ވާސިލް ވާނަން." ޓްރަމްޕް ބުންޏެވެ.

ޚަޝޯގީގެ މަރުގެ ފަހަތުގައި އޮތީ ސައުދީ އަރަބިއްޔާ ކަމަށް ވެއްޖެނަމަ ދެން ވާނީ ކިހިނެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޓްރަމްޕް ބުނީ "ކަންތައްތައް ވަރަށް، ވަރަށް ގޯސްވާނެ. ކަންތައް ވާނެ ގޮތް ބަލަން ތިބެމާ." އެވެ.

ސައުދީ އަރަބިއްޔާ އަކީ އިޤުތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް އެމެރިކާ އަށް މުހިންމު ބައިވެރިއެކެވެ. އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ އަދި އެމެރިކާ އިން އެންމެ ގިނަ ހަތިޔާރު ގަންނަމުންދާ ސައުދީ އަރަބިއްޔާ އާއި ދެކޮޅަށް ކޮންމެ ކޮންމެ ފިޔަވަޅެއް އެޅުމަކީ އެމެރިކާ އަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އީރާނާއި ދެކޮޅަށް އެމެރިކާ އިން އަޅަން ބޭނުންވާ ފިޔަވަޅުތަކަށް ވެސް ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން އެމެރިކާ އަށް ބޭނުން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    100 މިލިއަން ލިބިނީމާ އަނގަ ބަންދުވީތަ!

  2. ދދދދދ

    އާނ ކަލެއަށް އެނގޭނެ އޭނައަށް ވީގޮތެއް. ކަލޭމެނާ ނުލާ އެކަހަލަ ކަމެއް ދުނިޔޭގަ ހިނގުމަކީ ނާދިރު ކަމެއް.