ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އަށް ވީގޮތެއް ބައްލަވަން ސަލްމާން ބިން އަބްދުލްއަޒީޒް ފެއްޓެވި ތަޙްޤީޤު އިތުރަށް ވަރުގަދަ ކުރައްވާ، މިކަމުގައި ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ ނުރަނގަޅު ނުފޫޒެއް އޮތްތޯ ބެއްލެވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަޝޯގީ ގެއްލުނު ހާދިސާގެ ތަޙްޤީޤު ކުރިއަށްދާ ގޮތް މިހާރު ރަސްގެފާން ސަލްމާން ވަގުތުން ވަގުތައް އޮޅުންފިލުއްވަމުން ގެންދަވާ ކަމަށް ޝާހީ އާއިލާގެ މައުލޫމާތު އެނގޭ މީހުން "ރޮއިޓާސް" އަށް ކަށަވަރު ކޮށްދެއެވެ.

ރަސްގެފާން ވަނީ ޚަޝޯގީ ގެއްލުނު ހާދިސާގެ ތަޙްޤީޤު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރަސްގެފާން އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅާ ކަމަށްވާ މައްކާގެ ގަވަރުނަރު ޚާލިދު އަލް-ފައިސަލް އައްޔަން ކުރައްވާފައެވެ.

ގަވަރުނަރު ޚާލިދު އާއި ހަވާލުކުރައްވާފައިވާ ޒިންމާތަކުގެ ތެރޭގައި ވަލީއަހްދު މުހައްމަދު ބާރުތައް ނާޖާއިޒް ގޮތުގައި ބޭނުން ކުރައްވާތޯ ބެއްލެވުން ވެސް ހިމެނެއެވެ. ގަވަރުނަރު ޚާލިދު މިހާރު ވަނީ ތުރުކީ އަށް ވަޑައިގެން ޚަޝޯގީގެ ތަޙްޤީޤު ކުރިއަށްދާ ގޮތުގެ މައުލޫމާތު ވެސް ސާފު ކުރައްވާފައެވެ.

ޚަޝޯގީ ގެއްލުމާއި އެކު މީޑިއާތަކުން ދަނީ އެކަމުގެ ފަހަތުގައި ހުރީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް މުހައްމަދު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ. މުހައްމަދު މީޑިއާގައި ވިދާޅުވި ޚަޝޯގީ އަށް ވީގޮތެއް އޭނާ އަކަށް ވެސް ނޭނގެއެވެ. މައްސަލައިގެ ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޚަޝޯގީ ގެއްލުނީ މިމަހުގެ 02 ވަނަ ދުވަހު އެވެ. އޭނާ ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމަށް ތުރުކީ ފުލުހުން ކުރަމުންދާ މަސައްކަތައް ކުރިއެރުން ލިބެމުން އަންނަ ކަމަށް ތުރުކީ ފުލުހުން ބުނެއެވެ. ނަމަވެސް ތަޙްޤީޤާއި ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.