ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓުގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީގެ 18 މީހަކު ހައްޔަރު ކޮށްފިއެވެ.

ސައުދީ ސަރުކާރުން ބުނާ ގޮތުގައި، ޚަޝޯގީގެ މަރާ ގުޅިގެން ސައުދީގެ 18 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ ސަރުކާރުގެ އިސް ފަސް ފަރާތެއްވެސް ވަނީ މިހާރު މަގާމުން ވަކިކޮއްފައެވެ.

މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސައުދީގެ ވަލީއަހުދު ފްރިންސް މުހައްމަދު ބިން ސަލްމާންގެ އެޑްވައިޒާ ސައުދް އަލް ޤަހްތާނީއާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހްމަދު އަލް އަސީރީ ހިމެނެއެވެ.

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގައިކަން ސައުދީގެ ރަސްމީ މީޑީއާއިން ކަށަވަރުކޮށްދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ސައުދީ ސަރުކާރު އިން ބުނީ ކޮންސިއުލޭޓްގައި ތިބި ބަޔަކާއި ޚަޝޯގީއާއި ދެމެދު ދެބަސްވުންތަކެއް ހިނގާ ތަޅާފޮޅުމެއް ހިނގިކަމަށާއި، ގޮއްމުށުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައިވާއިރު ޚަޝޯގީ މަރުވެފައިވަނީ މި ތަޅާފޮޅުންތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ޚަޝޯގީގެ ހަށިގަނޑު ވީތަނަކާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސައުދީގެ ނޫސްވެރިއާ ޚަޝޯގީ ގެއްލުމާއި އެކު މީޑިއާތަކުން ދަނީ އެކަމުގެ ފަހަތުގައި ހުރީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް މުހައްމަދު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ. މުހައްމަދު މީޑިއާގައި ވިދާޅުވި ޚަޝޯގީ އަށް ވީގޮތެއް އޭނާ އަކަށް ވެސް ނޭނގެއެވެ. މައްސަލައިގެ ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޚަޝޯގީ ގެއްލުނީ މިމަހުގެ 02 ވަނަ ދުވަހު އެވެ. އޭނާ ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމަށް ތުރުކީ ފުލުހުން ކުރަމުންދާ މަސައްކަތައް ކުރިއެރުން ލިބެމުން އަންނަ ކަމަށް ތުރުކީ ފުލުހުން ބުނެއެވެ. ނަމަވެސް ތަޙްޤީޤާއި ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.