ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރުވި ކަމަށް ސައުދީން ބުނާ ސަބަބު ގަބޫލުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ސައުދީން ރޭގެ ވަގުތެއްގައި ވަނީ ޚަޝޯގީ މަރުވެފައިވާކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފައެވެ. ސައުދީން ބުނާ ގޮތުގައި އޭނާ މަރުވީ ކޮންސިއުލޭޓު ތެރޭގައި ތިބި ބަޔަކާ ދެމެދު ހިނގި ތަޅާފޮޅުމެއްގެ ތެރެއިންނެވެ. ނަމަވެސް ޚަޝޯގީގެ ހަށިގަނޑު ވީތަނަކާއި ބެހޭ އެއްވެސް މައުލޫމާތެއް ސައުދީން ހާމަކޮށްފައެއް ނުވެއެވެ.

ސައުދީގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ ނޫސްވެރިޔާ މަރުވި ކަމަށް ސައުދީން ބުނާ ސަބަބު ގަބޫލުކުރާ ކަމަށާއި އަދި މިއީ މި މައްސަލައިގެ ތަހުގީގަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ތަހުގީގުގެ ވަރަށް ކުރީކޮޅު އަދި މިތިބީ. އަހަރުމެންގެ ތަހުގީގު މުޅިން އަދި ނުވެސް ނިމޭ. އެކަމަކު އަހަންނަށް ހީވަނީ މިއީ ކުރިއަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ހެން" ޓްރަމްޕް ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ސައުދީގެ އޮފިޝަލުންނާއެކު އިތުރު ވާހަކަތަކެއް ކުރިއަށްގެންދާނެ ކަމަށާއި ނޫސްވެރިޔާ މަރުވި ކަމަށް ސައުދީން ބުނާ ސަބަބާއި ހަމަޔަށް ދިޔަ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

ނޫސްވެރިޔާ މަރުވިކަން ސައުދީން ކަށަވަރުކޮށްދީފައިވާއިރު، މީގެކުރިން ސައުދީން ބުނަމުންދިޔައީ ކޮންސިއުލޭޓަށް ވަނުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ އެތަނުން ނިކުމެގެން ދިޔައީ ކަމަށެވެ. އޭނާ އެތަނުން ނިކުމެގެންދިޔަ ކަމުގެ އެއްވެސް ހެއްކެއް ސައުދީ އަށް ނުދެއްކުނު އިރު، އޭރުވެސް ތުރުކީގެ އޮފިޝަލުން ދިޔައީ ކޮންސިއުލޭޓު ތެރޭގައި ޚަޝޯގީ މަރާލާފައިވާ ކަމަށް ބުނަމުންނެވެ. އަދި އެކަމާ ގުޅުންހުރި އޯޑިއޯތަކެއް ލިބިފައިވާ ކަމަށްވެސް ތުރުކީގެ އޮފިޝަލުން ދަނީ ބުނަމުންނެވެ.

ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީ އަށް ނިސްބަތްވާ 18 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސައުދީގެ ވަލީއަހުދު ފްރިންސް މުހައްމަދު ބިން ސަލްމާންގެ އެޑްވައިޒާ ސައުދް އަލް ޤަހްތާނީއާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހްމަދު އަލް އަސީރީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ލީނާ

  މަގޭ ހިތައްއަރާ ޓްރަމްޕް ކީއްވެގެންހޭ މިދޭތެރެއަށް ވަދެ ވާހަކަ ދައްކަނީ

  • ޔެމެރިކާ

   ސައުދީގެ ނޫސްވެރިޔާ ވަނީ ރަށްވެހިކަން އެމެރިކާއަށް ބަދަލުކޮށްފައި. އެހެންވީމާ އެއީ އެމެރިކާގެ ރައްޔިތެއް ކަމަށް ބެލެވޭނެ.

   • މަޢުލޫމާތަށްޓަކާ

    ނޫނޭ. އެއީ އެމެރިކާގެ ރައްޔިތެއްނޫން. ހަމައެކަނި ރެސިޑެންސީ ބަދަލުކުރީ، ސިޓިޒަންޝިޕެއް ނުލިބޭ.

 2. ޓްރަމްޕް ގޭދޮށު ކުދިން

  ޓްރަމް އެހެން ބުނީމަ ހަމަ ހިނި އަންނަނީ

 3. ޙަވަނަ

  ވީގޮތަކީ ސަޢދީ އިން ތެޔޮ އަގުބޮޑު ކުރާވާހަކަ ދެއްކީމަ ހުރިހާ ގައުމަކިން ބިރުގަތީ މީނަޔަށް ސައުދީ ސަތުކާރާ ދެކޮޅު ވާހަކަ ނުދެއްކިމަށް ހަދިޔާ އަކަށް 100 މިލިއަން ޑޮލަރ ދިނީ ދެން މީނަ ދައްކާނީ މަޚުލޯފް ދައްކާ ކަހަލަ މުސްތޮބޭ ދައްކާކަހަލަ ރަނޑަލި ވާހަކަ

 4. ޜަށުމީހާ

  100 މިލިއަން

 5. ޖޮއްބެ

  ގަނެލީ ގަނެލީ ގަނެލީ. ކެކެކެ މިގައުމުގެ އިލެކްޝަންސް ކަމިޝަނެކޭ އެއްގޮތެއްނު.....؟?