ތުރުކީގެ އިސްތަންބުލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްގައި މަރާލި ކަމަށް ބުނާ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ މަރާލާފައިވާ ގޮތުގެ އިތުރު ތަފްސީލް ސައުދީ ސަރުކާރުގެ ސީނިއަރ އޮފިޝަލަކު ހާމަކޮށްފިއެވެ.

ނޫސްވެރިޔާ މަރުވެފައިވަނީ ސައުދީ ކޮންސިއުލޭޓްގައި ހިނގި ތަޅާފޮޅުމެއްގައި ކަމަށް ސައުދީން މީގެކުރިން ބުނެފައިވީ ނަމަވެސް ނަން ހާމަނުކުރުމަށް ޝަރުތުކޮށް އަލްޖަޒީރާ އާއި ވާހަކަ ދައްކަމުން ސައުދީގެ އޮފިޝަލަކު ބުނެފައިވަނީ ނޫސްވެރިޔާ މަރާލާފައިވަނީ އެކަމަށް ތައްޔާރު ވެގެން ދިޔަ ސައުދީގެ 15 މެންބަރުންގެ ޓީމަކުން ކަމަށެވެ. އަދި ނޫސްވެރިޔާ މަރާލާލުމުގެ ކުރިން އޭނާ ޑްރަގްގެ މައްސަލައެއްގައި ކަމަށްބުނެ ކޮންސިއުލޭޓް ތެރޭގައި ބަންދު ކުރި ކަމަށެވެ. އަދި އެކަމަށް ހާޝޮގީ އެއްބަސް ނުވުމުން، އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚާޝޮގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ތެރެއިން ކަމަށް ސައުދީގެ ރަސްމީ މީޑީޔާ އިން ވަނީ ހާމަކޮށްފައެވެ.

ޚާޝޮގީ ގެއްލުނީ މިމަހުގެ 02 ވަނަ ދުވަހު އެވެ. އޭނާ ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމަށް ތުރުކީ ފުލުހުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ތުރުކީ ފުލުހުން ބުނެއެވެ. ނަމަވެސް ތަޙްޤީޤާއި ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލަ ތަޙްޤީޤް ކުރުމަށް މިދިޔަ ހަފްތާގައި ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްއަށް ފުލުހުން ވަދެފައިވާއިރު، 9 ގަޑިއިރު ވަންދެން އެތަންވަނީ ބަލާ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާއްމު މީހާ

    އިންސާނުންގެ ފުރާނަޔަކީ އަގު ބޮޑު އެއްޗެކެވެ. ޙައޤަކާނުލައި މީހަކު މެރުމަކީ މުޅި އިންސާނުން މެރުންފަދަ ކަމެކެވެ. އަދުގެ ދުނިޔެވަނީ މިކަންކަމުގައި ވަރަށް ބޮޑަށް އިންސާފުން ބޭރުވެފައެވެ.

    އެންމެ އިންސާނަކު ގެއްލުމުން މިހާވަރު މިވަނީ އަޅެފަހެ އެއީ ނޫސްވެރިއެއްވީމަ ހެއްޔެވެ؟
    މުސްލިމު އަޚުންނާ އުޚުތުން ނައަމް ސޫފިތަކެއް ފަދައިން ކުށެއްނެތި އެކި ކަންކޮޅުތަކުގައި ޙައްޤަކާއިނުލާ މަރަމުންދެއެވެ. ކުޑަކުއްޖެއް ބޮޑުމީހެއް އަންހެނެއް މުސްކުޅިއެއް ބެލުމެއްނެތިއެވެ. ތިޔަ ބުނާ ޙައްޤުތައް އޮންނަކަން ދަންނަ މީހަކު ނުވަތަ އެފަދަބާރެއް ކޮބާ ހެއްޔެވެ؟
    ކާފަރުންނަށް ޖިޒީ ދީގެން އެމީހުން ބުނިހާ ގޮތަކަށް އުޅެންވެއްޖެނަމަ ވާނީ މިހެންކަން ޤަބޫލު ކުރާ ހާލުގައި މުސްލިމު އުއްމަތަށް ހެޔޮދުޢާ ކުރަމެވެ.
    ޔާ ﷲ މުސްލިމުން ނަށް ސާބިތުކަމާއި ކެތްތެރިކަން ހަމައެކަނި އިބަ އިލާހުގެ ހަޒުރަތުން ދެއްވާފާނދޭވެ!