ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީގެ މަރާ ބެހޭ ތެދު ހަގީގަތް ހާމަކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އިސްތާންބޫލްގައި އިއްޔެ ކުރެއްވި ތަގުރީރެއްގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ޚަޝޯގީގެ މަރާ ބެހޭ ގޮތުން އޭނާ އަންގާރަދުވަހު ބަޔާނެއް ދެއްވާނެ ކަމަށާއި އެ ބަޔާން ދެއްވާނީ ޕާޓީގެ ބައްދަލުވުމެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ ޚަޝޯގީގެ މަރާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މިކަމާ ގުޅޭ ގޮތުންް ދޭ ބަޔާން މާދަމާ ޕާޓީ ގްރޫޕް ބައްދަލުވުމުގައި ދޭނަން،" އުރުދުޣާން ވިދާޅުވި ކަަމަށް އަލްޖަޒީރާ ބުންޏެވެ.

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީގެ މަރާ ގުޅިގެން ސައުދީގެ 18 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ ސަރުކާރުގެ އިސް ފަސް ފަރާތެއްވެސް ވަނީ މިހާރު މަގާމުން ވަކިކޮއްފައެވެ.

މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސައުދީގެ ވަލީއަހުދު ފްރިންސް މުހައްމަދު ބިން ސަލްމާންގެ އެޑްވައިޒާ ސައުދް އަލް ޤަހްތާނީއާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހްމަދު އަލް އަސީރީ ހިމެނެއެވެ.

ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގައިކަން ސައުދީގެ ރަސްމީ މީޑީއާއިން ކަށަވަރުކޮށްދީފައިވާއިރު ސައުދީ ސަރުކާރު އިން ބުނީ ކޮންސިއުލޭޓްގައި ތިބި ބަޔަކާއި ޚަޝޯގީއާއި ދެމެދު ދެބަސްވުންތަކެއް ހިނގާ ތަޅާފޮޅުމެއް ހިނގިކަމަށާއި، ގޮއްމުށުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައިވާއިރު ޚަޝޯގީ މަރުވެފައިވަނީ މި ތަޅާފޮޅުންތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ޚަޝޯގީގެ ހަށިގަނޑު ވީތަނަކާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސައުދީގެ ނޫސްވެރިއާ ޚަޝޯގީ ގެއްލުމާއި އެކު މީޑިއާތަކުން ދަނީ އެކަމުގެ ފަހަތުގައި ހުރީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް މުހައްމަދު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ. މުހައްމަދު މީޑިއާގައި ވިދާޅުވި ޚަޝޯގީ އަށް ވީގޮތެއް އޭނާ އަކަށް ވެސް ނޭނގެއެވެ. މައްސަލައިގެ ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޚަޝޯގީ ގެއްލުނީ މިމަހުގެ 02 ވަނަ ދުވަހު އެވެ. އޭނާ ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމަށް ތުރުކީ ފުލުހުން ކުރަމުންދާ މަސައްކަތައް ކުރިއެރުން ލިބެމުން އަންނަ ކަމަށް ތުރުކީ ފުލުހުން ބުނެއެވެ. ނަމަވެސް ތަޙްޤީޤާއި ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.