ސީރިޔާގެ އިރުމަތީ ޣޫތާއަށް އެޤައުމުގެ ސިފައިން އިއްޔެ ދިން ވައިގެ ހަމަލާތަކުގައި 42 މީހުން މަރުވެފައިވާކަމަށް ބައިނަލްއަޤުވާމީ މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި އިއްޔެ ދިން ހަމަލާތަކުގައި މީހުން މަރުވެފައިވަނީ ޣުތާގެ ދޫމާއިންނެވެ.

ބައިބޯ ދޫމާގައި ތިބި ބައެއް ފަރާތްތަކުން ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބައްޝާރުގެ ސިފައިން ދެމުންދާ ހަމަލާތައް އެއްވެސް މިންވަރަށް މަދު ނުވާކަމަށާއި ހުއްޓުމެއް ނެތި އެސިޓީއަށް ހަމަލާ ދެމުންދާކަމަށެވެ.

ދޫމާގެ ވަށައިގެން ސީރިޔާގެ އަނިޔާވެރި ސިފައިން ހަރަކާތްތެރިވަމުންދާއިރު އިރުމަތީ ޣޫތާގެ މަސްރަބާ މިހާރު އޮތީ ސިފައިންގެ ބާރުގެ ދަށުގައެވެ.

ހަމަލާތައް މެދުކަނޑާލަން އެންގި އެއްވެސް އެންގުމަކަށް ބަޝާރު އިޖާބަދީ ތަބާވެފައިނުވާއިރު، މިހާރުވެސް ޣޫތާގައި ހަތަރު ލައްކައެއްހާ މީހުން ތާށިވެފައި ތިބިކަމަށް އދ. އިން ހާމަކުރެއެވެ.

އިރުމަތީ ޣޫތާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވަނީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.