ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަނުމުން އެތަނުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މަރުވެފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރުވުމުން އޭނާގެ އާއިލާ އަށް ލިބިފައިވާ ހިތާމަ އާއި ހިތްދަތިކަން އިހްސާސް ކުރެވޭ ކަމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ވިދާޅުވެއްޖެއެވެ.

ރަސްގެފާން ސަލްމާން މިހެން ވިދާޅުވީ ޚަޝޯގީ މަރުވުމާއި ގުޅިގެން އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔުމަށް ޚަޝޯގީގެ ދަރިފުޅު ޞަލާހަށް ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްގެފާންގެ އިތުރުން ވަލީއަހްދު މުހައްމަދު ވެސް ވަނި ޚަޝޯގީގެ ދަރިފުޅަށް ފޯނުން ގުޅުއްވާ ތައުޒިޔާ ދަންނަވާފައެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ބުނާ ގޮތުގައި ޚަޝޯގީގެ އާއިލާ އަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވެ ވަޑައިގެން އާއިލާ އަށް ތައުޒިޔާ ދެންނެވުމަށް ރަސްގެފާނާއި ވަލީއަހްދު ގުޅުއްވުމުން ޚަޝޯގީގެ ދަރިފުޅު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޚަޝޯގީއަށް ވީގޮތެއް ނޭނގޭ ކަމަށް ސައުދީ އަރަބިއްޔާ އިން ކުރިން ބުނަމުން ދިޔަ ނަމަވެސް މިހާރު ވަނީ އޭނާ މަރުވީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގައި ކަމަށް އެއްބަސްވެފައެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު އަދީލް އަލް-ޖުބައިރު އިއްޔެ ވިދާޅުވީ ޚަޝޯގީ މަރާލުމަކީ އެކަން ކުރި ބަޔަކު ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެއީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް އަދި ވަލީއަހްދު މުހައްމަދަށް ވެސް އެނގިވަޑައިގެން ހިނގި ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ޚަޝޯގީގެ މަރުގެ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާ ތުރުކީ އިން ވަނީ ޚަޝޯގީގެ މަރާއި ގުޅޭ ތަފްސީލްތައް މާދަމާ ހާމަކުރާނެ ކަމަށް ވިދާޅުވެފައެވެ.