ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމީލް ޚަޝޯގީ ކޮންސިއުލޭޓަށް ވަންފަހުން އޭނާގެ އަންނައުނު ލައިގެން އޭނާ އާއި ވައްތަރު އެހެން މީހަކު ކޮންސިއުލޭޓުން ނިކުތް ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ތުރުކީގެ ތަޙްޤީޤީ އިދާރާ އަކުން "ސީއެންއެން" އަށް ފޯރުކޮށްދީފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޚަޝޯގީގެ ލައިގެން ހުރި ގަމީހާއި ކޯޓުގައި ޚަޝޯގީ އާއި އެއްވައްތަރަށް ތުނބުޅި ހުރި އަދި ބަލާބެލުމަށް އިސްކޮޅާއި ހަށިގަނޑު ވެސް ވައްތަރު، އައިނެއް އަޅާފައިވާ މީހަކު ކޮންސިއުލޭޓުންގެ ފުރަގަހުގައި ހުންނަ ދޮރަކުން ނިކުތެވެ.

ޚަޝޯގީގެ އަންނައުނު ލައިގެން ކޮންސިއުލޭޓުން ނިކުމެފައި ވަނީ ޚަޝޯގީ ގެއްލުނު ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަން 15 މީހުންގެ ތެރޭގައި ހިމެނޭ މުސްތަފާ އަލް-މަދަނީ ކަން މިހާރު ތަޙްޤީޤަށް ވަނީ ކަށަވަރު ވެފައެވެ.

ޚަޝޯގީގެ އަންނައުނު ލައިގެން މުސްތަފާ ކޮންސިއުލޭޓުން ނިކުތީ ސީސީޓީވީ ފުޓޭޖުން އެމަންޒަރު ދެއްކުމަށްޓަކައި ކަމަށް ގަބޫލު ކުރެވެއެވެ. ތަޙްޤީޤީ އިދާރާތަކުން ލަފާކުރާ ގޮތުގައި ޚަޝޯގީ މަރާލުމުގައި ބައިވެރިވި މީހުން ރާވާފައި އޮތީ މުސްތަފާގެ ވީޑިއޯ ދެއްކުމަށް ފަހު އެއީ ޚަޝޯގީ ކޮންސިއުލޭޓުން ނިކުންނަ މަންޒަރު ކަމަށް ބުނާށެވެ.

ސީސީޓީވީ ފުޓޭޖުން ކަށަވަރުވާ ގޮތުގައި ކޮންސިއުލޭޓުން ނިކުމެކެން މަދަނީ ދިޔައީ ފަތުރުވެރިންގެ މެދުގައި މަގުބޫލް "ބްލޫ މޮސްކް" ސަރަހައްދަށެވެ. ފަތުރުވެރިން ގިނަ އެސަރަހައްދަށް މަދަނީ ގޮސް އެސަރަހައްދުގައި އޮންނަ ޕާކެއްގައި ހުންނަ ފާހާނާއަކަށް ވަންނަ ތަން ސީސީޓީވީ ފުޓޭޖުން ފެނެއެވެ. ފާހާނާ އިން ނިކުންނައިރު އޭނާ ހުންނަނީ ލައިގެން ހުރި އެއްޗެހި ބަދަލު ކޮށްގެންނެވެ.

ދެން ފެންނަނީ މަދަނީ އެހެން މީހަކާއި އެކު އިސްތަންބޫލްގެ ރެސްޓޯރެންޓެއްގައި އިންދައެވެ. އޭރުވެސް އޭނާ ހުރީ ތުނބުޅިއެއް ޖަހާފައެވެ. ނަމަވެސް ރެސްޓޯރެންޓުން ނިކުމެގެން ދަމުން މަގުމަތީގައި ހުރި ޑަސްޕިނަކަށް ތުނބުޅި ވައްޓާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޚަޝޯގީ ގެއްލުނު ދުވަހުގެ ރޭ 22:25 ގައި މަދަނީ އޭނާ ހުރި ހޮޓަލުން ޗެކްއައުޓް ވެއެވެ. އަދި އެރޭ 01:25 ގައި އަތާތުރުކަ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާ އަށް ދިއުމަށް މަދަނީ ފުރައެވެ.

ޚަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީ އަރަބިއްޔާ އިން 18 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުން ބުނެއެވެ. ނަމަވެސް ހައްޔަރު ކުރި އެންމެންގެ ތަފްސީލް މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭގެތެރޭގައި މަދަނީ ހިމެނޭ ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޚަޝޯގީގެ މަރާއި ގުޅޭ ގިނަ ތަފްސީލްތަކެއް މާދަމާ ހާމަކުރާނެ ކަމަށް ތުރުކީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސީސީ ކެމެރާ

  ކެކެކެ...ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ދެންނެތް ސަލާމަތްވާނެ ހަމަ އެއްގޮތެއްވެސް.މިހާރު މިކަން ކުރިބަޔަކަށް ހީވާނެ ސަހަރޯއޭ.

  • ޖޮއްބެ

   ސަތޭކަ މިލިއަން ޑޮލަރުން އެމެރިކާގެ އަނގަމަތީގައިޖަހާ މައިތިރިކޮށްފި. ވީމާ އެކަމުގައި ދެން މިދުނިޔޭގައި އެއްވެސް ބިރެއްނެތް. ދެން އެކަމާ ބަޔަކު ނުވެސްބެހޭނެ. ތުރުކީވެސް ދެން އެހެން އުޅެއުޅެފައި މައިތިރި ވެދާނެ.

 2. ކިޔުންތެރިއެއް

  ސާބަހޭ އުރުދުޣާން ! ތިޔައީ ޙަޤީޤީ ވެރިންނަކީ....

 3. ޢަބޭ

  ސައުދީ ކޮންސިއުލޭޓް ތަކާމެދު ފާރަލާންޖެހޭނެ، ޑިޕްލޮމެޓިކް މަސައްކަތް ކުރާތަންތަނެއް ކަމަކަށް ނުބެލެވޭ..ވަރަށްބޮޑެތި ޖިނާއީ ކުށްކުރާ ތަނެއްކަމަށް ބެލެވެނީ.......ހުރިހާޤައުމެއްގަހުރި ސައުދީ މިސަންތަކަށް ފާރަވެރި ވާންވާނެ

 4. ޡަވި

  ޢެއްވައްތަރު ކުރަންވެސް އެކަމަކު ހޭބުއްދި ފިލާފަ ތިބި ބައެއްބާ އެކަކުގެހުރީ ދޮން ތަލައެއް އަނެކަކުގެ ބޮލުގަ ކަޅު އިސްތަށި އެއވައްތަރެއް ޖެއްސޭނީ ދެން މިހާކަށްހާ ވަރަށް ތޯއްޗެ